‘ކުށްމަދު ކުރުމަށް – ހޭލުންތެރި މުޖުތަމަޢެއް’ ގެ ނަމުގައި ވިޔަފާރިވެރިން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އއ. މަތިވެރި ޕޮލިސް ސްޓޭޝަނުން އެރަށުގައި ކުރިއަށް ގެންގޮސްފިއެވެ.
ފާއިތުވި ޖުލައި މަހުގެ 29 ވަނަ ދުވަހުން ފެށިގެން މިހިނގާ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ހިންގާފާނެ ވައްކަމުގެ މައްސަލަތަކަށް ރައްކާތެރިވެ ތިބުމަށް މަޢުލޫމާތު ދިނުމާއި އަދި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަން ހުރި މިންވަރު، އެފަދަ ތަންތަނުގެ ވެރިންނަށް އަންގައި ދިނުމުގެ އިތުރުން ރަށުގައި ހިނގާފާނެ ބޮޑެތި ވައްކަންތައް ހިނގިޔަ ނުދިނުމަށް ހޭލުންތެރިކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
އެގޮތުން ވައްކަމުގެ މައްސަލައެއް ދިމާވެއްޖެނަމަ ޢަމަލުކުރަންވީ އެންމެ ރަނގަޅުގޮތުގެ މަޢުލޫމާތުދިނުމާއި އަދި ވައްކަމުގެ މައްސަަލައެއް ކުރިމަތިވިޔަނުދީ ރައްކާތެރިވެ ތިބޭނެގޮތުގެ މަޢުލޫމާތުދީފައިވެއެވެ. އަދި އެފަރާތްތަކާއި ފުލުހުންނާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް ރަށުގައި ހިނގާފާނެ ޖިނާޢީ އިތުރު ކުށްތަކުން މި މުޖުތަމަޢު ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.