11:57: އެމްއެމްޕީއާރުސީގެ މައްސަލަ ފާހަގަކުރެވުނީ ކިހާ ހިސާބެއްގައިތޯ ދައުލަތުން ސުވާލުކުރުމުން އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒު ވިދާޅުވީ އެ މައްސަލަ ބަލަންފެށީ 2015 ވަނަ އަހަރުގެ ތެރޭގައި ކަމަށާއި، ތަހުގީގުކުރަމުންދިޔަ އިރު އެސްއޯއެފްގެ އެކައުންޓަށް ދައުލަތުގެ ފައިސާ ޖަމާވަމުންދިޔަ ކަމަށެވެ. އަދި ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވިކަން އެނގުނީ އެ ތަހުގީގު ތެރެއިން ކަމަށެވެ.
12:02: ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވިކަން ތަހުގީގަށް ފާހަގަކުރެވުމުން، އެކަން ޔަގީންކުރުމަށްޓަކައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއެއައިބީ) އިން ސްޓޭޓްމަންޓުގެ ކޮޕީއެއް ހޯދަން ދަތިތަކެއް ކުރިމަތިވި ކަމަށާއި، ބައެއް ފަރާތްތަކާއި ސުވާލުކުރެވުނު ކަމަށާއި ރައީސް ޔާމީންގެ ބަޔާނެއްވެސް ނެގުނު ކަމަށެވެ. ދައުލަތުން ހުށަހަޅާފައިވާ ޔާމީންގެ އެކައުންޓު ސްޓޭޓްމަންޓަކީ ސައްހަ އެއްޗެއްކަން މުއައްވިޒު ވަނީ ޝަރީއަތަށް ޔަގީންކޮށްދެއްވާފައެވެ.
12:07: ރައީސް ޔާމީން ދެއްވި ބަޔާނުގައި އެ ފައިސާއަކީ އެމަނިކުފާނަށް އެކި ފަރާތްތަކުން ދީފައިވާ ފައިސާކަމަށާއި، އެއީ އަދީބު ޖަމާކުރެއްވި ފައިސާތަކެއް ކަމަށާއި، އެއީ ކޮން ދިމާލަކުން އައިސްހުރި ފައިސާއެއްތޯ ނުބައްލަވާކަމަށް ވިދާޅުވިކަމަށް މުއައްވިޒު ހާމަކުރެއްވި އެވެ.
12:09: ދައުލަތަށް އެ ފައިސާ އަނބުރާ ދިނުމަށް އޭސީސީގެ ފަރާތުން އެދުމުން، އެއީ ރައީސް ޔާމީނަށް އެކި ފަރާތްތަކުން ދިން ފައިސާގެ ތެރެއިން އަދީބުގެ އަތުގައި ހުރި ފައިސާކަމަށް އެ މަނިކުފާނު ތަކުރާރުކުރެއްވިކަމަށް މުއައްވިޒު ފާހަގަކުރެއްވި އެވެ. އެއާއެކު އޭސީސީން ތައްޔާރުކުރި ރިޕޯޓްގެ ސައްހަކަން ބެލުމަށް މުއައްވިޒަށް ދައުލަތުން ވަނީ އަރުވާފައި. ނަމަވެސް، ދިފާއުން ބުނީ އެ ރިޕޯޓު ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ކިތާބީ ހެކީގެ ލިސްޓުގައި ނުހިމެނޭކަމަށް.
12:13: ދައުލަތުގެ ފަރާތުން މިއަދުގެ ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅުމަށް ނިންމާފައިވާ އެއް ލިޔުމެއް ދިފާއަށް ލިބިފައި ނުވާކަމަށް ދިފާއީ ޓީމުން ވިދާޅުވެއްޖެ. ދައުލަތުން ވިދަޅުވީ، އެލިޔުން ލިބިފައިނުވާނަމަ ދައުލަތުން އެލިޔުމުގެ ކޮޕީއެއް ދައުވާ ލިބޭ ފަރާތާއި ހިއްސާ ކުރައްވަން ތައްޔާރު ކަމަށެވެ.
12:16: ދައުލަތުން ހުށަހަޅަން އުޅުނު ރިޕޯޓު ދިފާއީ ޓީމަށް ލިބިފައި ނެތުމުން، މިއަދު އެރިޕޯޓު ހުށަނޭޅޭނެ ކަމަށް ޣާޒީ ހައިލަމް ނިންމަވައިފި. އަދި އެހެން ދުވަހެއްގައި ހެކިވެރިޔާ ޝަރީއަތަށް ހާޒިރުކޮށް އެރިޕޯޓު ހުށަހެޅުމަށް ވެސް ވިދާޅުވެއްޖެއެވެ.