"ކަނޑުފަޅުގެ ނަފާ"ގެ ނަމުގައި މަސްދޯނިފަހަރުގައި މަސްފިނިކުރާ ނިޒާމް ގާއިމުކުރުމަށްދޭ ދޫކުރާ ލޯނުން ރަހުނު ބަހައްޓަން ނުޖެހޭ ގޮތަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.
މި ލޯނަކީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ގާއިމުކޮށްފައި ހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭތީއާއި އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކޮށް މަސްވެރިކަމުގައި ބާނާ މަސް ގިނަ ވަގުތު ތާޒާކަންމަތީ ދޯނީގައި ރައްކާކޮށް، ކަނޑުމަތީގައި ގިނަ ވަގުތު ހޭދަކުރެވޭ ގޮތް މެދުވެރިކޮށް މަސްވެރިކަން އިތުރަށް ތަރައްގީކުރުމަށް އެހީވުމަށް ދޫކުރާ ލޯނެކެވެ.
6 އިންސައްތައިގެ އިންޓަރެސްޓް ރޭޓާއެކު ދޫކުރާ ތިން މިލިއަން އަށްޑިހަ ހަތަރު ހާސް ރުފިޔާގެ މި ލޯނަށް އެދުމުގެ ފުރުސަތު މިހާރުވަނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފަ އެވެ.
މިލޯނާ ބެހޭ އުސޫލާއި، ލޯނަށް އެދޭ ފޯމު ސަރުކާރުގެ ރަސްމީ ގަޑީގައި، ފިޝަރީޒް މިނިސްޓްރީންނާއި، ސްމޯލް އެންޑް މީޑިއަމް އެންޓަ ޕްރައިސަސް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އަދި އެސްޑީއެފްސީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.