2008 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހަކީ ރާއްޖޭގައި އަމަލުކުރަމުން މިދާ ފެހި ޤާނޫނު އަސާސީ، އެއިރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ތަޞްދީޤް ކުރެއްވެވި ދުވަހެވެ. ވީމާ ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށިތާ 11 އަހަރު ފުރުނީއެވެ. 11 އަހަރު ފުރުނުއިރުވެސް އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ އެ ޤާނޫނު އަސާސީ އިން ރައްޔިތުންނަށް ލިބިދޭން ޖެހޭ ޙައްޤުތަކުން ރައްޔިތުންނަށް ލިބުނީ ކިހައި މިންވަރެއް ހެއްޔެވެ؟
ފެހި ޤާނޫނު އަސާސީއަށް ބަލާއިރު އެ ޤާނޫނު އަސާސީއަކީ އެއިރުގެ ފެންވަރުން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ފުރިހަމަ ޤާނޫނު އަސާސީއަށް ކަމަށް ފާހަގަކުރެވުނެވެ. އަދި ޤާނޫނު އަސާސީ އެކުލަވައިލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްކަން މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްއަށް ލިބިވަޑައިގަތުމާއިއެކު އިންތިހާއަށް ބާރު ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ގެންދަވައި އެންމެ އަހަރެއްހައި ދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމަވަލެއްވެވިކަން ފާހަގަކުރެވެއެވެ.
ޤާސިމް އިބްރާހީމް ޚާއްޞަ މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން މަޖިލީހުގެ 3، 4 އަހަރު ފާއިތުވެގެން ގޮސްފައިވީނަމަވެސް ޤާނޫނު އަސާސީ ޑްރާފްޓް ކުރުމަށް އެންމެ އަކުރެއްވެސް ލިޔެފައެއް ނުވެއެވެ. އެހެންކަމުން އެއީ އަވަހަކަށް ނިންމަން ނިޔަތް ގަނެގެން ފެށި މަސައްކަތެއް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. 17 އަހަރުން ޤާނޫނު އަސާސީއެއް އެކުލަވައިލުމުގެ ރެކޯޑް އޮތީވެސް ރައީސް މައުމޫނުގެ ސަރުކާރަށެވެ.
ޤާނޫނު އަސާސީ ކިތަންމެ ފުރިހަމަ ނަމަވެސް އެ ޤާނޫނު އަސާސީ އިން ރައްޔިތުންނަށް ލިބިދޭންޖެހޭ މަންފާ ލިބި އެއިގެ ފައިދާ ކުރާނީ ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭން ޖެހޭ ޙައްޤުތައް ލިބިދީގެންނެވެ. ޤާނޫނު އަސާސީއަށް ފުރިހަމައަށް އަމަލުކޮށްގެންނެވެ. އެހެންކަމުން އެއިރަކު ވެރިކަން ކުރާ ސަރުކާރަކުން ބޭނުންވާ ގޮތަކަށް ޤާނޫނު އަސާސީއަށް ބަދަލުތައް ގެނައި ނަމަވެސް ރައްޔިތުންނަށް ލިބިދޭންޖެހޭ ޙައްޤުތައް ފުރިހަމައަށް ފޯރުކޮށްދެމުން ގެންދިއުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.