ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް) އިން ލ.ގަން ޕޮލިސް ސްޓޭޝަނަށް 2019 އޯގަސްޓް 5 އިން 6 އަށް މޮނިޓަރިންގް ޒިޔާރަތެއްކޮށްފިއެވެ.
މި ޒިޔާރަތުގެ މަޤްސަދަކީ ލ. ގަން ޕޮލިސް ސްޓޭޝަންގައި ތަޙުޤީޤަށް ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބާއިރު އެ މީހުންނާދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމާއި، ދައުލަތުގެ ބެލުމުގެދަށުން ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ޙައްޤެއް، ގެއްލޭފަދަކަމެއް މި ސްޓޭޝަނުގެ ބަންދުގައި ތިބޭ ފަރާތްތަކާމެދު ހިނގާތޯބަލައި، މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި ބައިތިއްބާ މީހުންގެ އާއްމު ޙާލަތު ދެނެގަތުމެވެ.
މި ޒިޔާރަތުގައި ޤާނޫނު ނަންބަރު 2003/13 (އެންޓި ޓޯޗަރ ޤާނޫނު 2013)އާއި، އެން.ޕީ.އެމްއާއި، އެން.ޕީ.އެމްގެ މަސްއޫލިއްޔަތާ އަދި 'ދަ މަންޑޭލާ ރޫލްސް' (ދަ ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަރޑް މިނިމަން ރޫލްސް ފޮރ ދަ ޓްރީޓްމަންޓް އޮފް ޕްރިސަނަރސް) އަށް ލ.ގަން ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުން އަހުލުވެރިކުރުވުމުގެ ގޮތުން ސެޝަންއެއް ނަގައިދީފައިވެއެވެ.
މި ޒިޔާރަތަށްފަހު، ކޮމިޝަނުން އާންމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެ މަތިން، މި ޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ އަވަސް ކަރުދާސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ލ.ގަން ޕޮލިސް ސްޓޭޝަނާއި ޙިއްޞާކޮށް، ޒިޔާރަތުގައި ފާހަގަކުރެވުނު މުހިންމު ކަންކަމުގެ މައްޗަށް އެކުލަވާލާ ރިޕޯޓު، ލ.ގަން ޕޮލިސް ސްޓޭޝަނާއި، އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ޙިއްޞާކުރާނެއެވެ. ކޮމިޝަނަށް ފާހަގަކުރެވުނު ކަންތައްތަކުގެ މަށްޗަށް ރިޢާޔަތްކޮށް އިސްލާޙުކުރަން ހުރި ކަންކަމުގެ މަށްޗަށް ހުށަހެޅުން މި ރިޕޯރޓުގައި ހުށަހަޅާނެއެވެ.
މީގެއިތުރުން، ކޮމިޝަނުގެ ރިޕޯރޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، އިސްލާޙުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ބައްދަލުކޮށް، މި ރިޕޯޓުގެ ހުށަހެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ފޮލޯ-އަޕް ހެދުމަށް ކޮމިޝަނުންވަނީ ކަނޑައަޅާފައެވެ.