މަނިޕާލް ހޮސްޕިޓަލުން ބޯންމެރޯ ހެދި އިތުރުކުއްޖަކު ރޭ ފަތިހު ނިޔާވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
މަނިޕާލް ހޮސްޕިޓަލުން ބޯންމެރޯ ހެދި އިތުރުކުއްޖަކު ރޭ ފަތިހު ނިޔާވެއްޖެ!

ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުން ބޯންމެރޯ ހެދި އިތުރުކުއްޖަކު ރޭ ނިޔާވެއްޖެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވީ 19 އަހަރުގެ ކުއްޖެކެވެ.

މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްޖާގެ ހުރިހާ ގުނަވަންތައް ފޭލްވުމުން ރޭ މެންދަމުގެ ވަގުތެއްގައި ވަނީ "ގުޅާފައި ހުރި ހުރިހާ ހޮޅިތައް" ނައްޓާފައެވެ. ކުއްޖާ ނިޔާވީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

ދިވެހި ސަރުކާރުން ބިލްތައް ނުދައްކައިފާނެ ކަމުގެ ބިރަށް ކުއްޖާގެ ހަށިގަނޑު އަދިވެސް ދޫނުކުރާ ކަމަށް ދާދި ދެންމެ މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ. ދާދިފަހުން ހަމަ އެ މަނިޕާލު ހޮސްޕިޓަލުން ބޯން މެރޯ ހެދި ކުދިންގެ ތެރެއިން ނިޔާވި 5 އަހަރުގެ ކުއްޖާގެ ހަށިގަނޑު ވެސް ދޫކުރީ ޢާއިލާއިން އެތައް އާދޭހެއްކޮށް ސަލާންޖަހައިގެން ކަމަށާއި އެއިރު އެ ކުއްޖާގެ ހަށިގަނޑުވެސް އޮތީ ހަރުވެ "ދަނގަނޑުވެފައި" ކަމަށް އެއިރު ހޮސްޕިޓަލުގައި ހުރި އިންޑިއާގައި ދިރިއުޅޭ ދިވެއްސަކު ވަނީ މައުލޫމާތު ދީފައެވެ.

މިކަމާއި ގުޅިގެން މޯލްޑިވްސް ބްލަޑް ސަރވިސަސް އިން ބުނީ އެ ކުއްޖާ ރޭ މަރުވިކަން އެނގިފައިވާ ކަމަށެވެ.

މޯލްޑިވްސް ބްލަޑް ސަރވިސަސް އިން މިއަދު އެނގުނު ގޮތުގައި ޑރ. ޢުމަރު ވަނީ މީގެ 3 އަހަރުކުރިން އެ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި އެތަނުން ލިބެންހުރި ޚިދުމަތްތައް ބައްލަވައިފައެވެ.

މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޮޕަރޭޝަނަށްފަހު ދޭން ޖެހޭ ފަރުވާ މަނިޕާލް ހޮސްޕިޓަލަކުން އެކަށީގެންވާ ގޮތަކަށް ނުލިބެއެވެ. ނަތީޖާއެއްގެ ގޮތުން އޮޕަރޭޝަންކުރާ ކުދިން ނިޔާވެދަނީ ވަރަށް ނިކަމެތި ހާލުގައި އުޅެފައެވެ. ބައެއް ކުދިން ޑޮކްޓަރަށް އެނގުމަކާއި ނުލައި އައިސީޔޫއަށް ބަދަލުކުރުން ފަދަ ކަންކަން ކުރާ ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.

ޑޮކްޓަރުންނަށް ނުއެނގި ބަލިމީހާ އައިސީޔޫއަށް ލާނަމަ އެއީ ބިލަށް އަރާ އަދަދު އިތުރުކުރަން ކުރާ ކަމެއް ކަމަށް ބެލުމުގެ ފުރުޞަތު އެބައޮތްކަމަށް އެ ހޮސްޕިޓަލުން ފަރުވާ ހޯދި ބައެއް ޢާއިލާތަކުން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން