ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ކޮސްޓަރިކާ އަންހެނަކާއި 42 އަހަރުގެ ސިންގަޕޫރު ފިރިހެނެކެވެ.
މި ދެމީހުންގެ ތެރެއިން 35 އަހަރުގެ ކޮސްޓަރިކާ އަންހެން މީހާއަކީ އޮގަސްޓް 07 ވަނަ ދުވަހުގެ 16:26 އެހާކަންހާއިރު ދޯހާއިން ރާއްޖެ އައި ފްލައިޓަކުން އައި މީހެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އޭނާގެ ލަގެޖް ސްކޭންކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ހަތަރު ރަބަރު ގަނޑާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކޮތަޅެއް ފެނުމާ ގުޅިގެންނެވެ.
އެތަކެތީގެ ވަގުތީ ބަރުދަން 2 ކިލޯއަށްވުރެ ބަރެވެ.
42 އަހަރުގެ ސިންގަޕޫރު މީހާ ހައްޔަރުކުރީ މިމައްސަލައާ ގުޅުންހުރިކަމަށް ތުހުމަތުކުރެވިގެން، އޮގަސްޓް 07 ވަނަ ދުވަހުގެ 22:35 އެހާކަންހާއިރު ހިންގި އޮޕަރޭޝަންގައި ހުޅުމާލެ ގެސްޓް ހައުސްއެއްގެ ތެރެއިންނެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ކުރަމުންނެވެ.