ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގައި އުޅެނިކޮށް ސްޓްރޯކެއް ޖެހި ކޯމާގައި އޮއްވައި ރޭ ނިޔާވި ފ. ދަރަބޫދޫ ސީމާ މޫސާ ޢާއިލާއަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ޝައިޚް އިމްރާން ވިދާޅުވީ ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ ޢަރަފާތު ދުވަސް ޢަރަފާތުގައި ހޭދަކޮށް އަދި މުޛްދަލިފާގައި ރޭ ކުރުމަށްފަހު މިނާއަށް އެނބުރި އައިސް ފުރަތަމަ ދުވަހު ޖަމްރާއަށް ހިލަ އުކާފައިވުމުން ސީމާ މޫސާއަށް ޙައްޖުގެ ފުރިހަމަ ސަވާބު ދެއްވެވުން އެދި ދުޢާ ކުރައްވާ ކަމަށެވެ.
"މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ހެޔޮ ރަޙްމަތް މިންވަރު ކޮށްދެއްވެވުން އެދި ދުޢާ ކުރަން. ޢާއިލާއަށް ކެތްތެރިކަން ދެއްވެވުން އެދި ދުޢާކުރަން."
އުމުރުން 38 އަހަރުގެ ސީމާއަށް ސްޓްރޯކް ޖެހުނީ ޢަރަފާތުގެ އަޅުކަން ނިންމައި މިނާއަށް އައިސް ޢީދު ދުވަހު ހިލަ އުކުމަށްފަހު އެނބުރި އައިސް މިނާ ޓެންޓްގައި ހުއްޓައެވެ. އިތުރު ފަރުވާއަށް ގެންދެވޭވަރުވެސް ނުވުމުން ސީމާ ބާއްވާފައި އޮތީ "މިނާ އަލްވާދީ" ހޮސްޕިޓަލުގެ އައިސީޔޫގައެވެ.
ސީމާ ޙައްޖަށް ގޮސް ހުރީ އޭނާގެ ފިރިމީހާ އާއިއެކުގައެވެ. ދެމަފިރިންނަށް ވަނީ 3 ކުދިން ލިބިފައެވެ. ދޮށްޓަށް ލިބިފައިވަނީ 2 އަންހެންކުދިންނެވެ. އެންމެ ހަގަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ. ހަގު ކުއްޖާގެ އުމުރަކީ 5 އަހަރެވެ.