ފ.ނިލަންދޫ ޖަމްޢިއްޔަތުއްޝަބާބާއި ނިލަންދޫ ޒުވާނުންތަކެއް ގުޅިގެން އަޟްޙާ ޢީދުގެ މުނާސަބަތުގައި ނިލަންދޫގައި ކުރިޔަށްގެންދާ "ރަށްވެހި ޗެލެންޖް" ފުޓްސަލް މުބާރާތުގެ ސެމީފައިނަލް 2 މެޗް ފޯރިގަދަ ކުޅުމަކަށްފަހު ކާމިޔާބުކޮށް ސްޕޯރޓްސް ކްލަބް ފަހުލަވާނާއި ޓެލްންޓް އެސް.ސީ މުބާރާތުގެ ފައިނަލްގެ ޖާގަތައް ކަށަވަރުކޮށްފިއެވެ.
ރޭކުޅެވުނު ސެމީފައިނަލް ފުރަތަމަ މެޗުގައި ސްޕޯރޓްސް ކްލަބް ފަހުލަވާނާއި ވާދަކުރި މެޗްގެ ފުރަތަމަ ގޯލްޖަހާ ކުރިހޯދީ އެސް.ޖީ.ސީއެވެ. މިގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މުބާރާތުގައި މިހާތަނަށް 13 ގޯލްޖަހާ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަޤާމަށް ވާދަކުރާ އެޓީމު އިބްރާހިމް ޝަނޫން (ޒެޕީ)އެވެ. މުޅި މެޗްގައިވެސް އެސް.ސީ.އެފްގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ދިޔައިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލްޖަހާ އެއްވަރުކޮށްދިނީ މުޅިމުބާރާތުގައިވެސް ހުނަރުވެރި ކުޅުމެއް ދައްކަމުން އަންނަ ޢާދިލް ޢަލީ (އާއްލަ)އެވެ. މުޅިންތަފާތު މޮޅުކުޅުމެއް އެސް.ސީ.އެފްގެ ފަރާތުން ފަހުހާފުގައި ފެނިގެން ދިޔައިރު މެޗް ނިމުމުގެ ކުރިން އެޓީމުންވަނީ އިތުރު 5 ލަނޑު ޖަހާ 6 ލަނޑު 1 ލަނޑުން މެޗްކާމިޔާބުކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ޔަޤީން ކޮށްފައެވެ. ގޯލްތައް ޖަހައިދިނީ މުޅިމުބާރާތުގައިވެސް އެންމެ ކްރިއޭޓިވް ކުޅުމެއް ދައްކަމުން އަންނަ އަޙުމަދު ނަބީލް (ނައްބަ)އާއި މުޙައްމަދު ރަޝީދު(އައްބަ)ގެ އިތުރުން ފަހުހާފްގައި އިތުރު 2 ގޯލް ޖަހާ ހެޓްރިކްހެދި ޢާދިލް ޢަލީ(އާއްލަ)އެވެ. އާއްލަ މިމެޗްގައި ޖެހި 3 ގޯލާއެކު ޒެޕީއާއިއެކު އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަޤާމަށް އާއްލަވެސްދަނީ ވާދަކުރަމުންނެވެ. ގިނަ ޢަދަދެއްގެ ސަޕޯޓަރުން ދަނޑަށް އައިސް 2 ޓީމަށްވެސް ސަޕޯރޓް ދެމުންދިޔަ މިމެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެސް.ސީ.އެފްގެ އަޙުމަދު ނަބީލް (ނައްބަ)އެވެ.
ސެމީފައިނަލް 2 ވަނަ މެޗްގައި އެން.ވައި.ޖީ އާއި ޓެލެންޓް އެސްސީ ވާދަކުރި މެޗް ފެނިގެންދިޔައީ ކުރީ މެޗަށްވުރެވެސް ފޯރިގަދަކޮށެވެ. މެޗްފެށިގެން 2 ޓީމުންވެސް މަޑުމަޑުންތިބެ ކުޅެމުންދިޔަ ނަމަވެސް ހިނދުކޮޅަކަށްފަހު ހިނދުކޮޅެއްދިޔައީ މެޗްގެ ފޯރި ގަދަވަމުންނެވެ. ނަތީޖާ އަކީ ފުރަތަމަ ހާފްގެ މެދެއްހާ ހިސާބުގައި އެން.ވައިޖީގެ އިސްމާޢީލް ޢީސާ(މެސީ) ގޯލެއް ޖަހާ އެޓީމަށް ލީޑު ނަގައި ދިނުމެވެ. އެހިސާބުން ޓެލެންޓުންވެސް ކުރިޔަށް ޖެހި ގޯލެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތް ހާފް ނިންމާލުމުގެ ކުރިން ކާމިޔާބުކުރީ އަކުރަމް އިސްމާޢީލްގެ ރީތި ގޯލަކުންނެވެ. ފުރަތަމަ ހާފައި ޚިލާފަށް 2 ވަނަ ހާފްގައި ފައުލްތައް ގިނަ ގޭމެއް 2 ޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައިރު މިހާފްގައި ފުރަތަމަ ލީޑުނެގީ ޓެލެންޓުންނެވެ. މުޅިމުބާރާތުގައިވެސް މޮޅުކުޅުމެއް ދައްކަމުންދާ އިބްރާހިމް ސިނާހުގެ ގޯލުން ލީޑުނަގާފައިވަނިކޮށް އަނެއްކާވެސް ފެނިގެންދިޔައީ މެސީގެ ގޯލަކުން ނަތީޖާ ހަމަކުރި ތަނެވެ. ދެންފެނިގެންދިޔައީ 2 ޓީމުންވެސް ގޯލެއްޖަހާ ފައިނަލްގެ ފަހުޖާގަ ކަށަވަރުކުރުމަށް އިތުރު ހިތްވަރެއްލާ މަސައްކަތްކުރަމުންދިޔަ ތަނެވެ. މެޗްނިމެން މަދުވަޤުތުކޮޅަކަށްވެފައިވަނިކޮށް މެޗްގެ މޮޅުކުޅުންތެރިޔާގެ މަޤާމު ހޯދި ސައްދާމުގެ ހިތްގައިމު ގޯލަކުން މުޅިމުބާރާތުގައިވެސް ވަރުގަދަކޮށް ފެނުނު އެން.ވައި.ޖީ ބަލިކޮށް ފައިނަލްގެ ފަހުޖާގަ ޓެލެންޓް އެސް.ސީން ވަނީ ކަށަވަރުކޮށްފައެވެ.
މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:45 ގައެވެ.
ޗެމްޕިއަންޓީމަށް 15000 ހާސްރުފިޔާގެ ފައިސާގެ ޢިނާމެއް ހުށަހަޅައިގެން ކުރިޔަށް ގެންދާ މިމުބާރާތުގެ މެއިން ސްޕޮންސަރއަކީ އަލަނާސި ކެފޭ އެންޑް ބިސްޓްރޯއެވެ. ކޯ ސްޕޮންސަރ އަކީ ބޭންކް އޮފް މޯލްޑިވްސް އަދި އާން އަކްއާ ސްޕޯރޓްސްއެވެ.
ރަށްވެހި ޗެލެންޖް ފުޓްސަލް މުބާރާތުގެ މީޑިއާ ޕާރޓްނަރަކީ ފަހުމިނެޓެވެ.