ވައްކަމުގެ މައްސަލަތައް އިތުރުވެ ފުނި ޖެހެމުންދާއިރު ވައްކަމުގެ ގިނަ މައްސަލަތަކެއް މިއަދުވެސް ފުލުހުން ރިޕޯޓްކޮށްފިއެވެ.
އިއްޔެ އދ މަހިބަދޫ ގެއަކުން 46000 ރުފިޔާ އާއި 84 ޑޮލަރު ވަގަށް ނެގި އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުން އަތުލައިގެންފައެވެ.
ރޭގެ ވަގުތެއްގައި ކަރަންކާ މަގުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ އެތަނުން ވައްކަންކޮށްގެން ފިލަން ދުވި 4 މީހަކު ފުލުހުން ވަނީ އަތުލައިގެންފައެވެ. އެމީހުން ފިހާރައިން ވަގަށް ނެގި ތަކެތި ވެސް ވަނީ އެމީހުން އަތުން ފެނިފައެވެ.
ވަގަށް ނަގާފައިވާ 4 ކޮފީދަޅާއި 6 ފުޅި ސެންޓު ހިފައިގެން މަގުމަތީގައި އުޅުނު 39 އަހަރުގެ ދިވެހި ފިރިހަނަކު އޭޑީކޭ ހޮސްޕިޓަލް ކައިރިން ފުލުހުން ވަނީ އަތުލައިގެންފައެވެ.
ވިލިމާލެ ބީޗަށް މޫދަށް އެރި އުޅުނު ބައެއްގެ ފޯނުތަކާއި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނަކު އަތުލައިގަނެ ވަގަށް ނެގި ތަކެތި ހޯދައި މިހާރު ވަނީ ވެރިފަރާތާއި ޙަވާލުކޮށްފައެވެ.
މިހާރަކަށް އައިސް ކޮންމެ ދުވަހަކީވެސް ވައްކަމާއި ފޭރުމުގެ އަމަލުތައް ގިނަ ދުވަހެއްކަން ފާހަގަކުރެވޭއިރު އިއްޔެ ވަނީ މީހަކަށް ބިރުދައްކައިގެން އޭޓީއެމަށް ގެންގޮސް އޭނާގެ އެކައުންޓުގައި ހުރި ފައިސާ އެކުގައި ފޭރިގެންފައެވެ.