ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ ބޮޑުދައިތަ ޙާފިޡާ ޢުމަރު (ހ. އެލަޕާޝޯ) ނިޔާވެއްޖެއެވެ. މާލެ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދަކީވެސް ޙާފިޡާއަށް ބޮޑުދައިތަ ވިދާޅުވާ ބޭކަނބަލެކެވެ.
ޙާފިޡާގެ މައްޗަށް ކަށުނަމާދުކުރުން އޮތީ މިރޭގެ ފަތިސް ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
ޙާފިޡާއަކީ އަންހެނުން ކޮށްއުޅޭ ވަރަށް ގިނަ މަސައްކަތްތައް ކުރެއްވުމުގައި އެންމެ އިސްސަފުން ފާހަގަކޮށްލެވޭ ވަރަށް މަސައްކަތްތެރި ބޭކަނބަލެކެވެ. ތިނޫހުގެ ވަރަށް ގިނަ މަސައްކަތުގައި ޙާފިޡާއަކީ ފާހަގަކޮށްލެވޭ ބޭކަނބަލެކެވެ. ރާއްޖޭގައި ބޭއްވި އަތްތެރި މަސައްކަތުގެ މައުރަޒުތަކުގައި ބައިވެރިވެވަޑައިގެން ޙާފިޡާ ވަނީ ވަނަތައް ހޯއްދަވައިފައެވެ.
ޙާފިޡާ ނިޔާވިއިރު އުމުރަކީ 74 އަހަރެވެ. ޙާފިޡާގެ 5 ބޭފުޅުން އެބަތިއްބެވެ.
މާތް ﷲ މަރުޙޫމާގެ ފުރާނައަށް ސުވަރުގޭގެ ހެޔޮ ރަޙްމަތް މިންވަރު ކުރައްވަވާށި! ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވަވާށި! އާމީން.