ރާއްޖޭގައި މިހާރު ވެރިކަންކުރާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ކަންތައްތައް ނުކުރެވި ލަސްވާތީ އެކަމުގެ ވާހަކަ ދައްކާއިރު 2008 ގެ ސަރުކާރަށްވެސް އަދި 2013 ގެ ސަރުކާރަށް ވެސް ކަންކަން ކުރަން ފެށުނީ ވެރިކަމާއި ހަވާލުވެ ދުވަސްތަކެއް ފާއިތުވި ފަހުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ބައެއް މެންބަރުން ޖޭޕީއަށް ސޮއިކުރުމަށް މިރޭ މ. ކުނޫޒްގައި ބޭއްވި ރަސްމިއްޔާތުގައި ޤާސިމް އިބްރާހީމް ވިދާޅުވީ މިހާރުގެ ސަރުކާރަށް ކަންކަން ކުރަން ނުފެށިގެން އެކަމުގެ ވާހަކަތައް ދައްކާއިރު ކުރީގެ ސަރުކާރުތަކަށްވެސް ކަންކަން ކުރަން ފެށުނީ ވެރިކަމާއި ހަވާލުވެ ދޮޅު އަހަރެއްހައި ދުވަސްފަހުންކަން ވިސްނަން ޖެހޭނެ ކަމަށެވެ. ހަމަ އެއާއިއެކު މިހާރުގެ ސަރުކާރުގެ ވެރިކަމަށް އައިއިރު ޤައުމުގެ ކަންކަން އޮތް ހާލަތަށްވެސް ވިސްނަން ޖެހޭނެ ކަމަށެވެ.
"ކިހައިވަރެއްގެ ބޮޑު ދަރަންޏަކާއިއެކުގައިތޯ ފަށައިގަތީ! ރައްޔިތުންގެ މެދުގައި އޮންނަން ޖެހޭ ހަމަހަމަކަން ގެއްލިފައިވާ މިންވަރާއި ލިބެމުން ދިއަ އަނިޔާތަކާއި ނިކަމެތިކަން އިޙްޞާޞްކުރަން އެބަ ޖެހޭ! މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އެގެންދަވަނީ އެ ހުރިހާ ލޯވަޅުތައް ބައްދަވަމުން. އެހުރިހާ ހަޑިމުޑުދާރު ކަންތައްތަކުން ޤައުމު ސަލާމަތްކުރައްވަމުން."
ޤާސިމް އިބްރާހީމް ވިދާޅުވީ ވަރަށް ބޮޑެތި އަދަދުތަކުން ގިނަ އަދަދެއްގެ ފައިސާތައް ގެއްލިފައިވާ ކަމަށެވެ. "ދައުލަތުގެ ކުންފުނިތަކަކު. ރަށު ކައުންސިލް ތަކަކު، އަތޮޅު ކައުންސިލްތަކަކު، އެއްވެސް އެއްޗެއް ނެތް. މިލިއަން މިލިއަނުން މިވަނީ ގެއްލިފަ. އަދި ޕެންޝަން ފަންޑުގަ ހުރި ފައިސާ ވެސް މިވަނީ ބޮންޑާ ތަފާތު ނަން ނަމުގަ ނަގައިފަ. މީގެ އިތުރުން އެތައް ބައިވަރު ބޮޑެތި އަދަދުތަކުގެ ބިލްތައް ދައްކަން ޖެހުނު."
ޤާސިމް އިބްރާހީމް ވިދާޅުވީ ބިލްތައް ވެސް ދައްކައި ކަންކަން ހަމަޖައްސަމުން ކަންކަން ކުރިއަށް ގެންދަން ސަރުކާރުން ނިންމި ނިންމުމަކީ ވަރަށް ފުރިހަމަ ނިންމުމެއް ކަމަށާއި އެހެންކަމުން ސަރުކާރުން ކަންކަން ކުރުން ލަސްވެގެން މައްސަލަތައް ކުރިމަތިކުރުވަން ނުޖެހޭ ކަމަށެވެ.
"ފުރަތަމަ ކަމަކީ މީހުންގެ ޙައްޤުތައް ފުރިހަމައަށް އަދާކުރުން. މަސައްކަތްކުރި ބައަކަށް ދޭން ޖެހޭ އުޖޫރަ ފުރިހަމައަށް ދިނުން. ނާއިންޞާފުން އަނިޔާ ލިބެމުން ދިއަ މީހުން އަނިޔާއިން ސަލާމަތްކޮށްދިނުން."
ޤާސިމް އިބްރާހީމް ވިދާޅުވީ ކުށެއް ނެތި އަނިޔާ ލިބެމުން ދިއަ މީހުން މިހާރުވެސް ވަނީ އަނިޔާ ލިބުމުން ސަލާމަތްކޮށްފައި ކަމަށެވެ. "ޤާނޫނަށް ގެނެސްފަހުރި ނުރަނގަޅު ބަދަލުތައްވެސް ޖެހުނީ އަލުން އިޞްލާޙްކުރަން. ލިބުނު ހުރިހާ ފައިސާއަކުން ދަރަނި އަދާކުރަން ޖެހުނު އިރު އިތުރު މަޝްރޫޢުތައް ފެށެން މިއަންނަނީ ފައިސާ ހޯދައިގެން. ފައިސާ ހޯދުމަކީ އެހައި ފަސޭހަކަމެއް ނޫން."
ޤާސިމް އިބްރާހީމް ވިދާޅުވީ ކުރިން އެމްއެމްއޭގެ ގަވަރުނަރުކަމާއި މާލީ ވަޒީރުކަން ކުރައްވާފައިވުމުން ވޯލްޑް ބޭންކުން އެހީއެއް ހޯދުމުގެ ހުރި ބުރަކަން އިޙްޞާޞް ކުރެއްވޭ ކަމަށެވެ. އެހެންކަމާއިއެކުވެސް މިހާރުވެސް 30 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ވޯލްޑް ބޭންކުން ހޯދާފައިވާކަން ވެސް ފާހަގަކުރައްވާ ކަމަށެވެ. އަދި މިހައި އަވަހަށް އެފަދަ ސޮފްޓްލޯނެއް ލިބުމަކީ ރައްޔިތުން އުފާކުރަން ޖެހޭ ކަމެއް ކަމަށެވެ.