ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގެ އަޑުއެހުން މިއަދު ހެނދުނު 10:00 އިން ފެށިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ.
މިއަދުވެސް އޮތީ މިމައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކިބަސް ނެގުމެވެ. އެގޮތުން މިއަދު ފުރަތަމަ ނެގެމުންދަނީ، މިމައްސަލައިގެ އެންމެ ފަހުގެ އަޑުއެހުމުގައިވެސް ހެކިބަސް ނެންގެވި، އޭސީސީގެ ރައީސް މުއައްވިޒް ރަޝީދުގެ ހެކިބަހެވެ.
މުއައްވިޒްގެ އިތުރުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ހެކިބަސް ވެސް މިއަދުގެ އަޑުއެހުމުގައި ނެގުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިމައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިވެރިންގެ ގޮތުގައި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ ހެކިބަސް ވެސް ނެގުމަށް ކުރިން ވަނީ ހަމަޖެހިފައެވެ. ނަމަވެސް ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ނުދެއްވާނެ ކަމަށް އޭނާ އިއްޔެ ވަނީ ފޭސްބުކް މެދުވެރިކޮށް އިއުލާނު ކުރައްވާފައެވެ.
މިއަދުގެ އަޑުއެހުން ވެސް ބައްލަވަނީ ކްރިމިނަލް ކޯޓުގެ އިސް ޣާޒީ އަހްމަދު ހައިލަމް އެވެ.