ރައްޓެހިންގެ ތެރޭގައިވެސް ހުރިހާ ބާވަތެއްގެ މީހުން ތިބޭނެއެވެ. އެއިގެ ތެރޭގައި ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ މީހުން ތިބޭނެއެވެ. ގުޅުން ނުބަހައްޓައި ދުރުހެލިވާން ޖެހޭ މީހުންވެސް ތިބޭނެއެވެ.
ﷲ ތަޢާލާ ހަރާމް ކުރެއްވެވި ކަންކަން އެއީ އެއްވެސް ކަމެއްކަން ނޫން ކަމަށް ދެއްކުމަކީ އެންމެ ނުބައި އަމަލެވެ. އެފަދަ ކަންކަން ކުރާ މީހުންނާއި އެއްވެސް ވަރަކަށް ގުޅުން ނުބަހައްޓާށެވެ. ނުބައިކަމެއް ކުރަން ބުނާ ކޮންމެ މީހަކީ ޝައިޠާނެކެވެ. އެފަދަ ކޮންމެ މީހަކާއިމެދު ސަމާލުވެ ރައްކާތެރިވާށެވެ!
ޝައިޠާނާ އަބަދުވެސް އަންނާނީ "ބެސްޓް ފްރެންޑް" ކަމުގައި ހެދިގެންނެވެ. އެއީ ޝައިޠާނާ ޝައިޠާނާގެ ގޮތުގައި އަތުވެއްޖެ ނަމަ އެއްވެސް މީހަކު އޭނާ ބަލައި ނުގަންނާނެތީއެވެ. ޝައިޠާނާ އާއި ދުރުހެލިވާނެތީއެވެ. ކޮންމެ ސިފައެއްގައި އައި ނަމަވެސް ބަލައި ނުގަނެ ޝައިޠާނާ އާއި ދުރުހެލިވުމަށް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ އެ ސަބަބަށްޓަކައެވެ. ސަބަބުވެސް ވަނީ ވަޙީ ކުރައްވަވައިފައެވެ. "އެސޮރު ބޭނުންވަނީ ތިއަބައިމީހުންނާއިގެން ނަރަކައިގެ ތެރެއަށް ދަތުރުކުރާށެވެ. (ނަރަކައަށް ވަންނާށެވެ.)
ކީރިތި ޤްރުއާނުގައި ﷲ ތައާލާ ވަޙީކުރައްވަވާފައިވަނީ ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބަޢަ ނުވުމަށެވެ. ޝައިޠާނާގެ ޕްލޭން ތަކަށް ތަބަޢަ ނުވުމަށެވެ. ސަބަބުވެސް ވަނީ ބަޔާން ކުރައްވަވައިފައެވެ. އެއީ ޝައިޠާނާ ކޮންމެ ރޭވުމެއްވެސް ރާވާނީ މީސްތަކުންނަށް ގެއްލުންދީ ނަރަކައަށް ވެއްދުމަށްޓަކައި ކަމުގައިވާތީއެވެ.
މިއަދު މީސްތަކުންގެ ތެރޭގައި ޝައިޠާނާގެ ބައިވެރިން އެބަތިއްބެވެ. ޝައިޠާނާ ފަދައިން މީސްތަކުން ނަރަކައަށް ގެންދަން މަސައްކަތްކުރާ މީހުން އެބަތިއްބެވެ. ޙަޤީޤީ ބޮޑު ޝައިޠާނާ އަހަރެމެންގެ ލޯތަކަށް ނުފެނުނު ނަމަވެސް ޝައިޠާނާގެ ބައިވެރިން ފެނެއެވެ. މީހުންނާއި ގުޅުން އުފައްދާއިރު އެއީ ކޮންބައެއް ކަމާއި އެމީހުންގެ އުޅުން ހުންނަ ގޮތް ބަލަން ޖެހެނީ އެ ސަބަބަށްޓަކައެވެ.
--ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންގެ ދަރުސަކުން