ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އަށް ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އައްޔަންކުރާ ފަނޑިޔާރު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މައުލޫމާތު ދީފައިވާ ގޮތުގައި، މިއިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު ނުވައަކުން ފެށިގެން ހަވީރު ފަހެއް ޖެހުމާއި ހަމައަށެވެ. މި އިންތިޚާބުގައި ވޯޓުލުން މާލޭގައި ކުރިއަށްދަނީ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) ގައެވެ. އަދި ކޮންމެ ސިޓީ އަކާއި ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށެއްގައި ހުންނަ ކޯޓު އިމާރާތުގައެވެ.
މި އިންތިޚާބުގައި ވާދަކުރައްވަނީ ކްރިމިނަލް ކޯޓުގެ އިސް ޤާޟީގެ އިތުރުން، ލ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓާއި، ގދ.ފިޔޯރީ ކޯޓުގެ މެޖިސްޓްރޭޓް ހިމެނޭހެން ޖުމްލަ ތިން ފަނޑިޔާރުންނެވެ.
178 ފަނޑިޔާރުންނަށް ވޯޓުދިނުމުގެ ޙައްޤުލިބިގެންވާ މި އިންތިޚާބުގެ ވަގުތީ ނަތީޖާ މިއަދު އިޢުލާންކުރައްވާނެއެވެ. އަދި ދާއިމީ ނަތީޖާ މާދަމާ އިޢުލާން ކުރާނެ ކަމަށް ވެސް އީސީން ބުނެފައިވެއެވެ.
ޖޭއެސްސީގައި ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރަކު ހޮވުމަށް އިންތިޚާބު މިބާއްވަނީ، މިހާރު އެމެންބަރުގެ ގޮތުގައި ހުންނެވި އަލްއުސްތާޛު މުޙައްމަދު ޢީސާ ފުޅުގެ ދައުރު މިމަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީއެވެ.
ޖޭއެސްސީގައި ތިއްބަވާނީ ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރާއެކު 10 މެންބަރުންނެވެ.