ވ. އަތޮޅު މަދަރުސާގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ކިޔުމަށް ހޭދަވާނީ 2މ 41ސ
ވ. އަތޮޅު މަދަރުސާގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ވ. އަތޮޅު ޖެންޑަރއިން އިސްނަގައިގެން، ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި ވ. އަތޮޅު ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ ސްކޫލްގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި އޮގަސްޓް މަހުގެ 22 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ވ. އަތޮޅު މަދަރުސާގެ މުދައްރިސުންނާއި ބެލެނިވެރިން އަދި ދަރިވަރުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ވ. އަތޮޅު މަދަރުސާގެ ގުރޭޑް 9،8،7،6 އަދި 10 ގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސެޝަންތަކުގައި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމުގެ މުހިންމު ކަމާއި، އެ ހައްޤުތައް ރައްކާތެރި ކުރުމަށް ކުރެވޭނެ މަސަައްކަތްތަކާއި، ކުށްމަދު މުޖުތަމަޢެއް ބިނާކުރުމަށް ދަރިވަރުންގެ ފެންވަރުގައި ކުރެވޭނެ މަަސައްކަތްތަކާއި، ކުށެއް ކުރަން އުޅޭކަން ނުވަތަ ކުށެއް ކުރާކަން އެނގޭ ނަމަ ޢަމަލު ކުރަން ޖެހޭ ގޮތްތައް ބުނެދީ ދަރިވަރުން ހޭލުންތެރި ކުރުވާފައި ވެއެވެ.

މުދައްރިސުންނަކީ ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި އެންމެ އިސްދަޢުރެއް އަދާކުރާ ބައެއްކަމަށް ވެފައި މުދައްރިސުން ދަރިވަރުންނަށް ނަމޫނާ ބަޔަކަށް ވާން ޖެހޭ ކަމަށާއި ދަރިވަރުންގެ މެދުގައި ތަފާތު ކުރުން ނުގެން ގުޅުމަށާއި، ގަނާކުރުން ފަދަ ޢަމަލެއް ހިނގާކަމަށް ފާހަގަ ކުރެވޭ ނަމަ މުދައްރިސުން ޢަމަލުކުރަން ޖެހޭނެ ގޮތްތަކާއި އެކަމުން ދަރިވަރު ސަލާމަތް ކުރުމަކީ މުދައްރިސުންގެ ދަޢުރެއް ކަމުގައި ހަނދާން ކޮށްދީފައިވެއެވެ. އަދި ކުށްތަކުން ދުރު އަމާން މާޙައުލެއް ހުޅުވިގެން ދާނީ މުޖުތަމަޢަށް ނިކުންނަ ދަރިވަރުންގެ ސިކުނޑިތައް ކުށްތަކުން ދުރުކޮށްގެން ކަމަށާއި ދަރިވަރުންގެ މެދުގައި އިޙްތިރާމް ކުރުމާއި ރިވެތި އަޙްލާޤުގެ ވެރި ބަޔަކަށް ދަރިވަރުން ހެދުމަށް ކުރެވޭނެ ކަންކަމާ ގުޅޭ މަޢުލޫމާތު މުދައްރިސުންނަށް ދީފައިވެއެވެ.

މި ޕްރޮގްރާމުގައި، ބެލެނިވެރިންގެ ދަޢުރަކީ ކޮބައިކަމާއި، ދަރިން ތަރުބިއްޔަތު ކުރުމުގައި ގެންގުޅޭނެ އުކުޅުތަކާއި، ފުރާވަރަށް އަންނަ ކުދިންގެ މައްސަލަތައް ހައްލު ކުރުމަށް ކުރެވޭނެ ކަންކަމާއި، ދަރިންނާއި މައިންބަފައިންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާ ކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ދަރިންގެ ކަންކަން ގާތުން ބަލަން ޖެހޭ ކަމަށާއި، ދަރީންގެ ފަރާތުން ކަމެއް ފާހަގަ ކުރެވޭ ނަމަ ލަސްނުކޮށް އެކަމަށް ފިޔަވަޅު އެޅިއްޖެ ނަމަ އެ މައްސަލައެއް ހައްލުވެގެން ދާނެކަން ބުނެދީ ބެލެނިވެރިންނަށް ބޭނުންވާނެ މުހިންމު މަޢުލޫމާތުދީ ހޭލުންތެރި ކުރުވާފައިވެއެވެ.

 

ވަކިވަކީން ކުރިއަށް ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް ޓީމް ބިލްޑިންގ އެކްސަސައިޒްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ޕްރޮގްރާމުގައި، ވ. އަތޮޅު މަދަރުސާގައި ތަޢުލީމު ހާޞިލުކުރަމުންދާ 50 ދަރިވަރުންނާއި 45 ބެލެނިވެރިންގެ އިތުރުން ވ. އަތޮޅު މަދަރުސާގެ މުދައްރިސުން ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމުގައި ކުލާސްތައް ނަގައިދީފައިވަނީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުގައި މަސައްކަތްކުރާ މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ ތަޖުރިބާހުރި ފުލުުހުންނެވެ.

މިއަދު އޮންލައިން