ޅ. އަތޮޅަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ބޭނުންކޮށް ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށާއި އެފަދަ ޢަމަލުތައް ހުއްޓުވުމުގެ ގޮތުން ޅ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުން ހިންގަމުންދާ ސިލްސިލާ އޮޕަރޭޝަންތަކުގެ ތެރެއިން ހިންނަވަރުގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ތައްޔާރުކުރުމުގެ މަސައްކަތުގައިތިބި 5 މީހަކު ހައްޔަރު ކޮށްފިއެވެ.
ހިންނަވަރު ގެއެއްގައި ބަނގުރާ ކައްކާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ބަލައިފާސްކޮށްފައިވަނީ އެރަށުގެ ފަޅު ގެއެކެވެ. އެގޮތުން އެގެ ބަލައިފާސްކުރިއިރު، އެގޭ ބަދިގޭގައި ބަނގުރާ ކެއްކުމަށް ތައްޔާރުކޮށްފައިވަނިކޮށް ފެނިފައިވެއެވެ. އަދި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއި ތައްޔާރުކޮށްފައިވާ ދެ ލީޓަރުގެ ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.
މި އޮޕަރޭޝަނުގައި ކުށުގެ ވެށިން ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، މި މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރުގެ ދެ ފިރިހެނުންނާއި 27 އަހަރުގެ ދެ ފިރިހެނުންނާއި 32 އަހަރުގެ ފިރިހެނެކެވެ. މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ.