ޓްރާންސްޕޯޓު އޮތޯރިޓީއިން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުއަގުގައި ޓެކްސީކޮށްގެން 1 އަހަރު ތެރޭގައި 3 ފަހަރަށް ޖޫރިމަނާކޮށްފި ނަމަ އެ ފަރާތެއްގެ ޓެކްސީކުރުމުގެ ހުއްދަ ބާތިލުކުރާނެކަމަށް ޓްރާންސްޕޯޓު އޮތޯރިޓީއިން ބުނެފިއެވެ.
އެ އޮތޯރިޓީއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޓެކްސީ ދުއްވާ ފަރާތްތަކުން ބޮޑު އަގު ނަގަމުންދާކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ލިބެމުން އަންނަ ކަމަށާއި ބޮޑު އަގު ނަގާނަމަ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރުމުގެ އިތުރުން އެއް އަހަރު ދުވަހުގެ ތެރޭގައި ތިންފަހަރަށްވުރެ އިތުރަށް މިފަދަ ކުށެއް ތަކުރާރުކޮށްފިނަމަ އެ ފަރާތެއްގެ ޓެކްސީގެ ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލު ކުރެވޭނެ ކަމަށެވެ.
މާލެއާއި ހުޅުމާލެ އަދި ހުޅުލެއަށް ބްރިޖާއި ލިންކްރޯޑުން ކުރާ ދަތުރުތަކަށް ޓްރާންސްޕޯޓު އޮތީރިޓީއިން ކަނޑައަޅާފައިވާ އަގަށްވުރެ ގިނައިން ނަގާނަމަ އެ އޮތޯރިޓީއަށް އެންގުމަށް ވަނީ ހޮޓްލައިނެއްވެސް ގާއިމުކޮށްފައެވެ.
މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރުމަށް އެންމެ ބޮޑު އަގެއްކަމަށް ޓްރާންސްޕޯޓު އޮތޯރިޓީއިން ކަނޑައަޅާފައިވަނީ 75 ރުފިޔާއެވެ. މާލެ އަދި ހުޅުމާލެއިންވެސް ހުޅުލެއަށް ދަތުރުކުރެވޭނީ 60 ރުފިޔާއަށެވެ.
ބޮޑު އަގު ނަގާ ޓެކްސީތައް 750 ރުފިޔާއިން ޖޫރިމަނާކުރުމުގެ މަސައްކަތް ޓްރާންސްޕޯޓާއާއި ފުލުހުން ގުޅިގެން ދަނީ ކުރަމުންނެވެ.