ދިރާގު ޔޫތު ލީގުގެ ކުޅުން އިއްޔެ ފަށާ، ފުރަތަމަ ދެ މެޗު މާޒިޔާ އާއި ހުޅުމާލެ ސްޕޯޓްސް ކާމިޔާބުކޮށްފިއެވެ.
ޓުވާރޑްސް ފިއުޗަރ ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ މި މުބާރާތުގެ ފުރަތަމަ މެޗު ހުޅުމާލެ ސްޕޯޓްސް ސްކޫލް ކާމިޔާބުކުރީ ބީޖީ ސްޕޯޓްސް އެކަޑަމީން ބައްދަލުކޮށް 6-0 ންނެވެ.
ދެވަނަ މެޗުގައި މާޒިޔާ ފުޓްބޯލް އެކަޑަމީން ކާމިޔާބުކުރީ ހުޅުމާލެ ސްޕޯޓްސް އެކަޑަމީ އާބައްދަލުކޮށް 0-6 ލަނޑުންނެވެ.
މިއީ 14 އަހަރުން ދަށުގެ މުބާރާތުގެ ދެ މެޗެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން މިދިޔަ އަހަރު ތަޢާރަފްކުރި މި ލީގުގައި މިދިޔަ އަހަރު ބާއްވާފައިވަނީ 13 އަހަރުން ދަށުގެ ކުޅުމެވެ.
އެހެންނަމަވެސް މިއަހަރުވަނީ 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ ކުޅުން ހިމަނާފައެވެ.
މިއަހަރުގެ ލީގުގައި ވާދަކުރަނީ ބީޖީ ސްޕޯޓްސް އެކަޑަމީ، ހުޅުމާލެ ސްޕޯޓްސް ސްކޫލް، މާޒިޔާ ފުޓްބޯލް އެކަޑަމީ، ހުޅުމާލެ ސްޕޯޓްސް އެކަޑަމީ، އީގަލްސް ފުޓްބޯލް އެކަޑަމީ، ޓީސީ ފުޓްބޯލް އެކަޑަމީ، މޯލްޑިވްސް ސޮކަރ މޭޓްސް، އާރލީ ޓަޗް ފުޓްބޯލް އެކަޑަމީ، އެމްއެސް ހެލްޕިންގ ހޭންޑް ސްޕޯޓްސް އެކަޑަމީ، ވިކްޓަރީ ސްޕޯޓްސް ކްލަބު ފުޓްބޯލް އެކަޑަމީ އަދި ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސް އެވެ.
ފާއިތުވި އަހަރުގެ ޔޫތު ލީގުގައި 9 އެކަޑަމީއަކުން ވާދަކުރި އިރު، ލީގު ކާމިޔާބުކުރީ އާރލީ ޓަޗް ފުޓްބޯލް އެކަޑެމީންނެވެ.