ދިވެހި ރައްޔިތުންނަށް އެންމެ ޚިދުމަތްތެރި ލީޑަރަކީ ޖުމްހޫރީ ޕާޓިގެ ލީޑަރު ޤާސިމް އިބްރާހީމް ކަމަށާއި ރާއްޖޭގެ ސިޔާސީ ހަޔާތުގައި ރައްޔިތުންނަށް އެންމެ ފައިދާހުރި ޚިދުމަތްތަކެއް ކުރައްވާ ލީޑަރަކީ ޤާސިމް އިބްރާހީމް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވެއްޖެއެވެ.
ޖޭޕީއަށް ސޮއިކުރެއްވުމަށްފަހު އަޒްލީން މިރޭ ވިދާޅުވީ ކޮންމެ ޕާޓީއެއްގައި އުޅުނު ނަމަވެސް ހިތް ހަމަނުޖެހޭ ކަމެއް މެދުވެރިވެގެން ޕާޓީ ބަދަލުކުރަން ބޭނުންވެއްޖެ ނަމަ އެއްވެސް ޝަރުޠަކާއި ނުލައި މަރުޙަބާ ކިޔަމުން އަންނަ ޕާޓީއަކީ ޖުމްހޫރީ ޕާޓީ ކަމަށެވެ. އަދި ކުރިން އެހެން ޕާޓީއެއްގައި ދައުރެއް އަދާކޮށްފައިވީތީ ޖޭޕީން އެއްވެސް ހިތްބަރުކަމެއް ނުބާއްވާ ކަމަށެވެ.
އަޒްލީން ވިދާޅުވީ ޤާސިމް އިބްރާހީމް ޚިދުމަތް ކުރައްވަމުން ގެންދަވަނީ ސިޔާސީ ފިކުރުގައި ނޫން ކަމަށާއި އެމަނިކުފާނަކީ ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ވެސް ޤައުމަށް ނަމޫނާ ދައްކަވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. އަދި ޤާސިމް އިބްރާހީމް އަބަދުވެސް އިސްކަން ދެއްވާފައިވަނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ޚިދުމަތް ކުރެއްވުމަށް ކަމަށެވެ. މިފަދަ ހުރިހާ ސަބަބުތަކަށްޓަކައި ޖޭޕީއަކީ ގުޅިގެން މަސައްކަތްކުރަން އެންމެ ހިތްފަސޭހަ ޕާޓީ ކަމަށެވެ.
އަޒްލީން ވިދާޅުވީ ޤާސިމް އިބްރާހީމް އަކީ ވާދަވެރި ސިޔާސީ ޕާޓީއެއްގައި އުޅުނު ނަމަވެސް އެއްވެސް ހިތްބުރަކަމެއް ބާއްވަވާ ބޭފުޅެއް ނޫން ކަމަށާއި ހިތްޕުޅު ހެޔޮ ކަމުގައި ނަމޫނާ ދައްކަވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.
"އެމީހަކު ހުރި ޕާޓީއެއްގެ ލީޑަރޝިޕުން އަމަލުކުރަމުން ގެންދަނީ ރަނގަޅު ގޮތުގައި ނޫންކަން އެނގުމުން އެ ލީޑަރޗިޕެއްގެ ފަހަތުގައި ހުރުމަކީ ރަނގަޅު ގޮތެއް ކަމަށް ޤަބޫލެއް ނުކުރެވޭ"
އަޒްލީން ވަނީ މަލްޓިޕާޓީ ނިޒާމުގެ ތެރެއިން ރާއްޖޭގެ ވެރިކަމަށް އައި ކޮންމެ ޕާޓީއަކަށްވެސް ވެރިކަން ލިބިފައިވަނީ ޖޭޕީގެ ފުރިހަމަ ބައިވެރިވުން އޮވެގެންކަން ފާހަގަކުރައްވައިފައެވެ. އަދި 2023 ގައި މާތް ﷲ ވާގިފުޅާއިއެކު ޖޭޕީ އޮންނާނީ އެންމެ ކުރީ ސަފުގައިކަމަށްވެސް އަޒްލީން ވިދާޅުވިއެވެ.