ދެމިހުންނާނީ ރައީސް ޞާލިޙަށް އެއްބާރުލުން ދިނުމުގަ - ޕާޓީ ބޮޑުކުރަން ވެސް މަސައްކަތްކުރާނަން: ޤާސިމް އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 4ސ
ދެމިހުންނާނީ ރައީސް ޞާލިޙަށް އެއްބާރުލުން ދިނުމުގަ - ޕާޓީ ބޮޑުކުރަން ވެސް މަސައްކަތްކުރާނަން: ޤާސިމް އިބްރާހީމް

މިސަރުކާރަކީ ޖުމްހޫރީ ޕާޓީގެ ހިއްޞާ އޮތް ސަރުކާރެއް ކަމަށްވުމުން ދެމިހުންނަވާނީ ރައީސް އިބްރާހީމް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެމެހެއްޓުމަށް މަސައްކަތްކުކުރެއްވުމުގައި ކަމަށާއި އެމަސައްކަތަކާއެކު ޖުމްހޫރީ ޕާޓީ ބޮޑުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ކުރީގެ ނައިބް ރައީސް ޢަބްދުﷲ ޖިހާދު އާއި ގިނަ ބައަކު ޖޭޕީ އާއި ގުޅުމަށް މިރޭ ޖޭޕީގެ މައި މަރުކަޒު މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ޤާސިމް އިބްރާހީމް ވިދާޅުވީ ޖޭޕީއަށް މެންބަރުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި މިފަހަރުގެ މަޖިލިސް ބަންދުގައި ޕާޓީގެ ފަރާތުން ރަށްރަށަށް ދަތުރުކޮށް ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ޕާޓީގެ ގޮތްޕެއް އުފައްދާނެ ކަމަށެވެ. އެއަށްފަހު ޕާޓީގެ ޤަވާއިދާއި އެއްގޮތަށް ގޮފިތަކަށް ރައީސުން އިންތިޚާބުކޮށް ގޮފިތައް ހިންގުމުގެ މަސައްކަތް ފަށައިގަނެވޭނެ ކަމަށެވެ. 

"މިހާރު ޕާޓީގައި ތިބީ 8000 ވަރަކަށް މެންބަރުން. ސަރުކާރުން ދޭ ލާރިކޮޅު ލިބޭނީވެސް 10000 މެންބަރުން ހަމަކުރެވިގެން. ވީމާ މެންބަރުން އިތުރުކުރަން މަސައްކަތްކުރަން އެބަ ޖެހޭ. އެ މަސައްކަތް އަޅުގަނޑުމެން މިފެށީ."

ޤާސިމް އިބްރާހީމް ވިދާޅުވީ ސިޔާސީ ޕޯޑިއަމްތަކުގައި އެމަނިކުފާނަށް ނިޞްބަތްކޮށް ޙައްޤު ނޫން ބަސްތައް ގިނަ ބައަކު ބުނަމުން ގެންދާ ކަމަށާއި ނަމަވެސް އެކަމާއިމެދު އެއްވެސް ހިތް ބުރަކަމެއް ނުބާއްވަވާ ކަމަށެވެ. އަދި އެ އެގޮތަށް ވާހަކަ ދައްކާ އެންމެންނަށްވެސް މާފުކުރައްވަމުން ގެންދަވާ ކަމަށެވެ. 

"ވަކިކޮށްލަންދެން ތިބޭނީ ސަރުކާރަށް ޚިދުމަތް ކުރުމުގަ. ނަމަވެސް މަޖިލީހަށް ހުށަހަޅާ އެއްވެސް ކަމަކީ ޤާނޫނު އަސާސީ އާ ޚިލާފް، އިސްލާމް ދީނުގެ އަސްލުތަކާ ތަޢާރަޟްވާ ކަމެއް ނަމަ އެކަމެއްގައި ވޯޓެއް ނުދޭނަން. އަޅުގަނޑުމެންނަކީ ﷲ ގަންދީ ހުވައެއް ކޮސްގެން ތިބޭ ބައެއް. ވީމާ ޢާކިރަތް ގެއްލޭނެ ގޮތަކަސް އެއްވެސް ކަމެއް ނުކުރާނަން. ދެދުނިޔެ ގެއްލި އަބާއްޖަވެރިއަކަށްވާނެ އެއްވެސް ކަމެއް ނުކުރާނަން." ޤާސިމް އިބްރާހީމް ވިދާޅުވިއެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ ޝަރުޢީ ނިޒާމުގެ އިތުރުން ސަރުކާރު ހިންގުމުގައިވެސް އިބްލާޙްކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ. "އިހަސް ދުވަހުވެސް އަޑު އިވިގެން މިދިއައީ ސަރުކާރުގެ ތެރެއިން 100 މިލިއަން ޑޮލަރެއް ގެއްލުނު ވާހަކަ. އެގޮތަށް ގެއްލިގެން އެދަނީ ސަރުކާރުގެ ތެރޭގައިވެސް މައްސަލަތައް ހުރުމުން. އެކަންކަން އިޞްލާޙްކޮށް ފައިސާ ގެއްލުން ހުއްޓުވަން ޖެހޭނެ." 

ޖޭޕީއަކީ ކޯލިޝަނުގައި ހިމެނޭ ޕާޓީއަކަށްވުމުން އެއްވެސް މެންބަރަކު ސަރުކާރަށް އެއްޗެތި ގޮވާ އުޞޫލުން ވާހަކަ ނުދެއްކުމަށްވެސް ޤާސިމް އިބްރާހީމް ވަނީ އެދިވަޑައިގެންފައެވެ. "އެއްވެސް މައްސަލައެއް އޮތް ނަމަ ފުރަތަމަ ޖެހޭނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަމާލުކަމަށް އެކަން ގެނެސް އިޞްލާޙްކުރަން މަސައްކަތްކުރަން. ފާޑުކިޔަން ޖެހޭނީ ބިނާކުރަނިވި އުޞޫލުން." 

ޤާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނު މާލީ ވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ ބަޖެޓުގަ 5 ބިލިއަން ރުފިޔާ ހަމަނުވާ ކަމަށާއި ނަމަވެސް ދޮޅު އަހަރު ތެރޭގައި 9 ބިލިއަން ރުފިޔާއަށް އިތުރުކުރައްވާފައިވާނެ ކަމަށާއި އެއިގެ ފަހުން 12.3 ބިލިއަން ރުފިޔާއަށް މަތިކުރައްވާފައިވާނެ ކަމަށެވެ. އެކަމާއި ގުޅިގެން ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ފަށައި ހިންގަން ފެށުނު ކަމަށެވެ. "ބަޖެޓަށް އާމްދަނީ ހޯދަންވެސް ގިނަ މަސައްކަތްތަކެއް ކުރެވުނު. ކަސްޓަމުން ގެއްލެމުން ދިއަ ފައިސާތައް ގެއްލުން ހުއްޓުވައި އިޞްލާހީ ފިޔަވަޅުތައް އެޅުމުން އެކަނިވެސް އަހަރަކު ލިބޭ އާމްދަނީ 1.5 ބިލިއަން ރުފިޔާ އިތުރުކުރެވުނު." 

އަބަދުވެސް ކުރައްވަމުން ގެންދަވަނީ ޤައުމު ބިނާކޮށް ރައްޔިތުންނަށް އެކަމުގެ ފައިދާ ކުރާނެ ޚިދުމަތްތައްކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

 

 

މިއަދު އޮންލައިން