އަންނަ އަހަރުގެ އެޕްރީލް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އިލްކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ އިންތިހާބީ މައި މަރުކަޒު، ބާ ޖަމާލުއްދީންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް، އަހްމަދު ޝަރީފު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު އަންނަ އެޕްރީލް މަހުގެ ފުރަތަމަ ހަފުތާގައި ބާއްވަން ނިންމާފައިވާ ކަމަށާއި، އެ އިންތިހާބު ބާއްވާނެ ސީދާ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ މި އިންތިހާބު ކުރީގެ އިންތިހާބުތަކާއި ތަފާތުކޮށް ބާއްވަން ނިންމާފައިވާ ކަމަށާއި އެގޮތުން، އެއްފޮއްޓަކަށް ލެވޭ އެންމެ ގިނަ އަދަދަކީ 700 ކަމުގައި ހަމަޖައްސާފައިވާ ކަމަށާއި، އޭގެ ސަބަބުން 178 ވޯޓް ފޮށި އިތުރުވެގެންދާއިރު، އޮފިޝަލުންގެ އަދަދުވެސް 7000 އަށް އިތުރުވެގެން ދާނެ ކަމަށެވެ.
އެޕްރީލް ފުރަތަމަ ހަފްތާފަގައި އިންތިހާބު ބާއްވާއިރު، އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލަނީ، އަންނަ ފެބްރުއަރީ މަސްތެރޭ ކަމަށް އިލްކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.