ރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި މިހާރު ތިބި މުޑުދާރު ފަނޑިޔާރުން ވަކިކޮށް ތަމްރީންދޭން ޖެހޭ ފަނޑިޔާރުންނަށް ތަމްރީން ދޭން ޖެހޭނެ ކަމަށާއި ފަނޑިޔާރުގެތަކާއިމެދު ރައްޔިތުންގެ އިތުބާރު އުފެއްދޭނީ އެކަންކަން ކޮށްގެން ކަމަށް މަޝްހޫރު ޤާނޫނީ ވަކީލް، ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާގައި ޙިސާން ވިދާޅުވީ ސުލޫކީ މިންގަނޑުން ބޭރުން ފަނޑިޔާރުން އަމަލުތައް ކުރަމުން ގެންދަނީ ކޮންމެ ގޮތަކަށް ކަންކަން ކުރި ނަމަވެސް އެމީހުންގެ ގައިގައި އެއްވެސް ފަރާތަކަށް އަތް ނުލެވޭނެކަމަށް އެމީހުންނަށް ޤަބޫލުކުރެވޭތީ ކަމަށެވެ. ނަމަވެސް ފަނޑިޔާރުގެތަކާއިމެދު ރައްޔިތުންގެ އިތުބާރު ލިބިގެންދާނީ ފަނޑިޔާރުން ކުރާ ކަންކަން ބަަލއި ފިޔަވަޅު އަޅާނެ މުއްސަސާއެއް އެބަހުރިކަމާ ފިޔަވަޅު އަޅާކަން ރައްޔިތުންނަށް ޤަބޫލުކުރެވިގެން ކަމެވެ. އަދި އެ މުއައްސަސާ މަސައްކަތްކުރާތަން ރައްޔިތުންނަށް ފެނިގެން ކަމަށެވެ.
ހިސާން ވިދާޅުވީ ހަމައެއާއިއެކު ސިޔާސީ ނުފޫޒުގެ ފަރުދާގައި ފޮރުވިގެން ތިބެ ކަންތައްތައް ނުކުރެވޭނެކަން ފަނިޑިޔާރުންނަށް އެނގެން ޖެހޭނެ ކަމަށެވެ. ހަމައެއާއިއެކު ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބެލޭ ކޮންމެ ފަހަރަކު، ފިޔަވަޅު އެލޭ ކޮންމެ ފަހަރަކު ސިޔާސީ ފަރާތެއްގެ އެހީތެރިކަން ހޯދައި ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަސް ހުރަސް އަޅަން ފަނޑިޔާރުން ކުރާ މަސައްކަތް ހުއްޓުވަން ޖެހޭނެ ކަމަށެވެ.
ހިސާން ވިދާޅުވީ މިއަދު ފެންނަމުން މިދަނީ ސިޔާސީ ފަރުދާގެ ފުރަގަހުގައި ފޮރުވިގެން ތިބުމަކުން ފަނޑިޔާރުންނަށް ޙިމާޔަތް ނުލިބޭނެކަން ކަމަށެވެ.
ޙިސާން ވިދާޅުވީ ކޯޓުތަކަށާއި ރައްޔިތުންގެ މައްޗަށް ސްޕްރީމް ކޯޓުގެ ނުފޫޒު ޙުދޫދެއް ނެތި ނުފޯރުވޭނެކަން ރައްޔިތުންނަށް ޤަބޫލުކުރެވެން ޖެހޭ ކަމަށެވެ. އަދި މިކަންކަން މިގޮތުގެމަތިން ބައްޓަންވެގެން އައިމަ ރައްޔިތުންގެ އިތުބާރު ސްޕްރީމް ކޯޓުގެ މައްޗަށް އުފެދޭނެ ކަމަށެވެ.