ފަސްބައި ކޮނެ 7 ފެބްރުވަރީގެ ވާހަކަ މިއަދު ދައްކަން ވެއްޖެނަމަ ޤައުމު ހަލަބޮލިވުމާ މަޞްލަހަތު ގެއްލުން ނޫން އެއްވެސް ކަމެއް ނުވާނެ ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި މިއަދު ޝައިޚް އިމްރާން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްތެރެއަށް ބެލި ނަމަވެސް އެދުވަހު އެކިކަންކަމުގައި އެކިކޮޅުކޮޅުގައި ތިއްބެވި ބޭފުޅުން އެބަތިއްބެވި ކަމަށާއި މި ހުރިހާ ބޭފުޅުންގެ މެދުގައި އޮތް އެކުވެރިކަން ގެއްލިގެން ނުދާނެ ގޮތަށް ކަންކަން ބައްޓަން ކުރުމަކީ އަޅުގަނޑުމެން އެންމެންގެ މަސްއޫލިއްޔަތެއް ކަމަށެވެ.
ޝައިޚް އިމްރާން ވިދާޅުވީ ޤައުމު މިވަނީ އެކުވެރިވެ އަދި އެކުވެރިކުރަންޖެހިފައި ކަމަށެވެ. އެހެން އެދުވަހަށް އެނބުރި ގޮސް ފަސްބައި ކޮނެ ނަގައި އަޅުގަނޑުމެންގެ ޤައުމަށް ގެއްލުން ލިބިދާނެ ފަދަ ގޮތަކަށް ކަންކަން ބައްޓަންވެގެން ދިއުމަކީ އަޅުގަނޑުމެންގެ އެކަކުވެސް ބޭނުންވާނެ އަދި ރުހޭނެ ވެސް ކަމެއް ނޫން ކަމަށެވެ.
ޝައިޚް އިމްރާން ވިދާޅުވީ 2012 ވަނަ އަހަރުގެ ފެބަރުއަރީ މަހުގެ 7 ވަނަ ދުވަހު ފުލުހުންގެ މުއައްސަސާއަށް ގެއްލުންދީ އަދި އެނޫންވެސް ޤާނޫނާއި ޚިލާފް އަމަލުތައް ހިންގި ގިނަ އަދަދެއްގެ ފުލުހުންނާއިމެދު ވަނީ ފިޔަވަޅު އެޅިފައި ކަމަށެވެ.
މަޖިލީހުގައި ޝައިޚް އިމްރާން މިއަދު ވިދާޅުވީ ކޯނީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ފުލުހުންގެ ގިނަ ބައަކާއިމެދު ފިޔަވަޅު އެޅުނު ކަމަށެވެ. އެގޮތުން ބައެއް މީހުން މަޤާމުން ވަކިކުރެވި، ސެކްޝަން ބަދަލުކޮށް، އަދި މަޤާމް ދަށްކުރުން ފަދަ ފިޔަވަޅުތައް ވެސް އެޅިފައިވާ ކަމަށެވެ.
ފިޔަވަޅު އަޅަން ޖެހޭ ހުރިހާ ފުލުހުންނާއިމެދު މިހައިތަނަށް "އެންމެ ރަނގަޅަށް ފިޔަވަޅު އެޅިފައިވާ" ކަމަށް ދަންނަވަން ފަސްޖެހިވަޑައިގަންނަވާ ކަމަށްވެސް ޝައިޚް އިމްރާން ވަނީ ވިދާޅުވެފައެވެ.
ފެބްރުވަރީ 7 ގެ މައްސަލަތައް ފެށުނީ 6 ވަނަ ރޭ އާޓިފިޝަލް ބީޗްގައި ޝައިޚް އިމްރާން އިސްވެ ހުންނަވައި އެއިރުގެ އިދިކޮޅު ކޯލިޝަނުން ބޭއްވި ބައްދަލަވުމަކަށް ސަރުކާރަށް ތާއީދުކުރާ ބައަކު ގައު އުކައި ބައަކަށް އަނިޔާކުރި ހިސާބުންކަން ފާހަގަކުރެވެއެވެ.