ޅ. ހިންނަވަރުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނެކެވެ.
އެދެމީހުންގެ ތެރެއިން 36 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އޮގަސްޓް 25 ވަނަ ދުވަހުގެރޭ 01:10 އެހާކަންހާއިރުއެވެ. އެމީހާ ހައްޔަރުކޮށް ބަަލައިފާސްކުރިއިރު، މަސްތުވާތަކެތި ހުރި އެއް ރަބަރު ޕެކެޓް ފެނިފައިވެއެވެ.
34 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ 27 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ހިންނަވަރު ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުންދަނިކޮށް އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ހުރި ދެ ރަބަރު ޕެކެޓް ފެނުމާއި ގުޅިގެންނެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް މުއްދަތު ދީފަވެއެވެ. އެގޮތުން 36 އަހަރުގެ މީހާއަށް 6 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، 34 އަހަރުގެ މީހާއަށްވަނީ 7 ދުވަހުގެ މުއްދަތެއް ދީފަވެއެވެ.