ޅ. ހިންނަވަރު ފިހާރައަކުން ވަގަށް ނަގާފަ ހުރި ތަކެތި ހޯދައި، ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ހިންނަވަރު ފިހާރައަކުން 3500 ރުފިޔާ އާއި ސިނގިރޭޓް ކާޓޫންތަކެއް ވަގަށް ނަގާފައިވާކަމަށް އޮގަސްޓް މަހުގެ 27 ވަނަ ދުވަހުގެރޭ 19:55 އެހާކަންހާއިރު ފުލުހުންނަަށް ހުށަހެޅުނު މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނެކާއި 40 އަހަރުގެ ފިރިހެނެކެވެ.
އެދެމީހުންގެ ތެރެއިން 32 އަހަރުގެ މިހާ ހައްޔަރުކޮށްފައިވަނީ އޮގަސްޓް 27 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، އެފިހާރައިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ބައެއް ފައިސާ އާއި ތިން ކާޓޫން ސިނގިރޭޓް ފެނިފައިވެއެވެ.
މިމައްސަލައާ ގުޅުންހުރިކަމަށް ތުހުމަތުކުރެވިގެން 40 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ އޮގަސްޓް 28 ވަނަ ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި އެމީހާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު އެގޭ ކައިރި ބޭރުގައި ރައްކާކޮށްފައިވަނިކޮށް ދެ ކާޓޫން ސިނގިރޭޓް ފެނިފައިވެއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ވަނީ މުއްދަތު ދީފަވެއެވެ. އެގޮތުން 32 އަހަރުގެ މީހާއަށް ހަތްދުވަސް އަދި 40 އަހަރުގެ މީހާއަށް ހަ ދުވަހުގެ މުއްދަތު ވަނީ ދީފަވެއެވެ.