ކުނިން ހަކަތަ އުފެއްދުމަށް ތިލަފުށީގައި ގާއިމުކުރާ އިންސަރެނޭޝަން ފެސިލިޓީ އިމާރާތް ކުރުމަށް ހިއްކާފައިވާ ބިމުގެ ޖިއޯ ޓެކްނިކަލް ސަރވޭ ހެދުމަށް ރިޔަން ޕްރައިވެޓް ލިމިޓާއި މިއަދު ހަވާލުކޮށްފިއެވެ.
ރިޔަން ޕްރައިވެޓް ލިމިޓެޑުން އީ.އެލް.އެސް ގްރޫޕާއި އެކު ކުރިއަށްގެންދާ މި ސަރވޭ އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 30 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ދައުލަތުގެ ބަޖެޓުން ހަރަދުކުރާ މި ސަރވޭގެ ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 1.2 މިލިއަން ދިވެހި ރުފިޔާއެވެ.
ބުރާސްފަތި ދުވަހު މިނިސްޓްރީ އޮފް އެންވަޔަރަމެންޓްގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުއްވީ ޕާމަނަންޓް ސެކެރެޓަރީ އަޖުވަދު މުސްތަފާއެވެ. އަދި ރިޔަން ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އިބްރާހީމް ހަމީޒެވެ.
މި ސަރވޭގެ މައިގަނޑު ބޭނުމަކީ، ކުނިމެނޭޖްކުރުމަށް ތިލަފުށީގައި ހިއްކާފައިވާ ބިމުގައި އެފަދަ އިމާރާތެއް އެޅުމަށް އެކަށީގެންވާ ފެންވަރު ހުރިތޯބެލުމެވެ. އެގޮތުން ސަރވޭގައި އެބިމުގައި ބޯހޯލް ތޮރޮފައިގެން ވެލިތަކުގެ ސާމްޕަލް ނަގައިގެން ތަހްލީލް ކުރާނެއެވެ. އަދި މި ތަހްލީލުތަކަށް ބިނާކޮށް ރިޕޯޓެއް އުކަލަވާލާނެއެވެ.
ތިލަފުށީގައި ކުނި މެނޭޖުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރުމަށް ތިލަފުށީގެ ފަޅުތެރެއިން 15 ހެކްޓަރުގެ ސަރަހައްދެއް ވަނީ ހިއްކާފައެވެ. މާލެ ސަރަހައްދުގެ ކުނި ދެމެހެއްޓެނިވިގޮތެއްގައި މެނޭޖްކުރެވޭނެ ޒަމާނީ ނިޒާމެއް ގާއިމުކުރުމައްޓަކައި މި ބިމުގައި ދުވާލަކު 500 ޓަނުގެ ކުނި މެނޭޖްކުރެވޭނެ ފެސިލިޓިއެއް ގާއިމްކުރުމަށް މިހާރު ޕްރޮކިއުމެންޓްގެ މަސައްކަތް ދަނީ ކުރިއަށެވެ.
މާލެ ސަރަހައްދުގެ ކުނީގެ މައްސަލައަށް ދައިމީ ހައްލެއް ހޯދުމަށްޓަކައި، ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމެންޓް އެންޑް ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓުގެ ނަމުގައި މަޝްރޫޢެއް މިހާރުދަނީ ކުރިއަށެވެ. މަޝްރޫޢުއަކީ އޭ.ޑީ.ބީގެ ހިލޭ އެހީއާއި އޭ.އައި.އައި.ބީ (އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް) އަދި އައި.ޑީ.ބީ (އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް) ގެ އިތުރުން ބައެއް އެހެން ފަންޑިން އެޖެންސީތަކުގެ އެހީ އާއި ދިވެހި ސަރުކާރުގެ ބައިވެރި ވުމާއެކު ކުރިއަށް ގެންދާ މަޝްރޫއެކެވެ.