"އަލްކައުން އިންޓަރނޭޝަނަލް ޤްރުއާން މުބާރާތް 1440"ގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ ޝަރަފް ޢިމާދުއްދީން ސްކޫލްގެ ދަރިވަރު މުޙައްމަދު ސާޢީ މުބާރިކް، ސަރާމަންޒިލް، ނ.ހޮޅުދޫ ހޯދައިފިއެވެ.
"އެންސީއޭ އަލްކައުން މަދަޙަ މުބާރާތް "ރަން އަޑު" 1440، އާއި އަލްކައުން އިންޓަރނޭޝަނަލް ޤްރުއާން މުބާރާތް 1440" މުބާރާތުގެ ނަތީޖާ ފައުޅުކުރުމަށް މިއަދު ހަވީރު ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި ދެ މިބާރާތުގެވެސް އެންމެ މޮޅު ދަރިވަރުންނަށް އިނާމާއި ސެޓުފިކެޓްތައް ޙަވާލުކޮށްދެއްވީ ޝަރަފްވެރި މެހްމާން އިސްލާމިކް މިނިސްޓަރ އަޙްމަދު ޒާހިރު ޢަލީ އެވެ.
މިރަސްމިއްޔާތުގައި ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ ކީރިތި ޤްރުއާން ކިޔެވުމާއި މަދަޙަ ކިޔުމަކީ އެކުއެކުގައި ކުރިއަށް ގެންދަން ޖެހޭ މަސައްކަތެއް ކަމަށެވެ. އެހެން ކަމުން މިއީ އަލްކައުނުން ވަރަށް ރަނގަޅު ނިޔަތެއްގައި އަލްކައުނުން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި އަލްކައުނުގެ ޗެއާމަން ޝައިޚް އިބްރާހީމް ފަރީދު ވިދާޅުވީ ކީރިތި ޤްރުއާން ކިޔެވުމުގެ މުބާރާތްތަކާއި މަދަޙަ ކިޔުމުގެ މުބާރާތްތައް ވާންޖެހެނީވެސް އަދި އެފަދަ މުބާރާތްތަކުގައި ބައިވެރިވަނީވެސް ހަމަ އެންމެ ބޭނުމަކު ކަމަށެވެ. އެ ބޭނުމަކީ ﷲ ތޢާލާއަށް އެމީހެއްގެ ހިތުގައި އޮތް ލޯބި ހާމަކުރުން ކަމަށެވެ.