ޤްރުއާނުގަ އަންގަވާފައިވާ ގޮތަށް އަމަލުތައް ބަހައްޓާ ބައަކަށް ވުމަށް ނައިބް ރައީސް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ޤްރުއާނުގަ އަންގަވާފައިވާ ގޮތަށް އަމަލުތައް ބަހައްޓާ ބައަކަށް ވުމަށް ނައިބް ރައީސް ގޮވާލައްވައިފި

ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީވެސް ކީރިތި ޤްރުއާނުގަ އަންގަވާފައިވާ ގޮތަށް އަމަލުތައް ބަހައްޓާ ބައަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާހގެ ނައިބް ފައިޞޥަލް ނަސީމް ގޮވާލައްވައިފި އެވެ.

ކީރިތި ޤްރުއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތް ފެށުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ފައިޞަލް ވިދާޅުވީ މި އަމާޒު ޙާޞިލުކުރުމަށްޓަކައި ޤްރުއާން ރިސަރޗްކޮށް މާނަ ދަސްކުރަން އެބަޖެހޭ ކަމަށާއި ޤްރުއާނުގައި އަންގަވާފައިވާ ގޮތަށް އަމަލުތައް ސީދާކުރަން ވެސް ޖެހޭ ކަމަށެވެ. 

ފައިޞަލް ވިދާޅުވީ ރާއްޖެއަކީ ކީރިތި ޤްރުއާން އުނގަންނައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ސައްތައިން ސައްތަ މުސްލިމް ޤައުމެއް ނަމަވެސް ކޮންމެ އަހަރަކުވެސް މިޖެހެނީ ރަމަޟާން މަހަށް ބޭރުން ގިނަ އަދަދެއްގެ ޤާރީންނާ ހާފިޡުން ގެންނަން ކަމަށެވެ. 

"މިއި ފުންކޮށް ވިސްނަން ޖެހޭ ކަމެއް، ރާއްޖޭގެ ބައިވެރިން ގެންދަނީ ބައިނަލްއަޤްވާމީ ޤްރުއާން ކިޔެވުމުގެ މުބާރާތްތަކުގައި ރަންވަނަތައް ހޯދަމުން. ބޭރުގައި ބޭއްވޭ އެފަދަ މުބާރާތްތަކުގެ ފަނޑިޔާރުކަން ކުރަމުން. ސައުދި ޢަރަބިޔާގައި ބޭއްވޭ ބައިނަލްއަޤްވާމީ މުބާރާތެއްގެ ފަނޑިޔާރުކަން ކުރައްވަން ޝައިޚް އިލްޔާސް ހުސައިން އަނަނަ ހަފްތާގައިވެސް އެބަ ވަޑައިގަންނަވާ." 

ފައިޞަލް ވިދާޅުވީ ރަނގަޅަށް މަސައްކަތް ކުރެވިއްޖެ ނަމަ ބޭރުން ޤާރިންނާއި ޙާފިޡުން ނުގެނެސް ދާދި އަވަހަށް މިކަން ހަމަޖެއްސޭނެ ކަމަށާއި އެ މަޤްޞަދު ޙާޞިލުކުރެވޭނެ ގޮތަށް މަސައްކަތްކުރުމަށް ކީރިތި ޤްރުއާނާއި ބެހޭ މަރުކަޒުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ގޮވައިލައްވާ ކަމަށެވެ. 

"އަޅުގަނޑުމެންނަކީ ހިތް ހެޔޮ، އޯގާތެރި އެކަކު އަނެކަކަށް މަދަދުވެރިވާ ބައަކަށްވާން ޖެހޭ.

އިހައްދުވަހު ކަނޑުމަތީގައި ހިނގައި ދިއަ ހިތާމަވެރި ހާދިސާ އާއި ގުޅިގެން ހަނިމާދޫ ނޮޅިވަރަންފަރު، ތިލަދުންމަތި ރައްޔިތުން ދައްކައިދިނީ ވަރަށް ފުރިހަމަ ނަމޫނާއެއް. ނެތިގެންދާނެ ވަގުތެއް ހަމަ އެކަކަށްވެސް ނުއެނގޭނެ. އެންމެ ގަދަ ފަދަ އިންސާނާ ފަޅި ސިކުންތަކުން ވަކިވެގެންދާކަން އެއީ ޙައިރާންވާން ޖެހޭ ކަމެއް ނޫން."   

ފައިޞަލް ވިދާޅުވީ ހިޖުރީ އާއަހަރުގެ ފެށުނު މިފުރުޞަތުގައި އާއަޒުމަކާއިއެކު މަސައްކަތް ފަށަންވީ ކޮންމެ ކުއްޖަކީވެސް ޤައުމަށް ތެދުވެރި ވަފާތެރި ކުއްޖަކަށްވުމަށް ކަމަށެވެ. ބޮޑުވެ ޤައުމަށް ތެދުވެރިކަމާއިއެކު ޚިދުމަތް ކުރާނެ ޒުވާނަކަށްވުމަށް ކަމަށެވެ. 

ތަފާތު ކުރުމެއް ނެތި ޚިދުމަތްކުރުމުގެ އާދަ އަށަގެންނެވޭނީ މިއަދުގެ ކުޑަކުދިންނަށް ބޮޑެތި މީހުން އެކަން އަމަލުން ދައްކައިދީގެން ކަމަށާއި އެހެންކަމުން އެންމެންނަކީވެސް އެމީހަކު ކުރާ ކަމެއްގައި އެއްވެސް ތަފާތުކުރުމެއްނެތި ކަންކަން ކުރާ މީހަކަށް ވުމަށްވެސް ފައިޞަލް ވަނީ ގޮވާލައްވައިފައެވެ.

މިއަދު އޮންލައިން