ރައްޔިތުންގެ މަޖިލީހާއި އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގުޅިގެން ރާއްޖޭގައި ބާއްވާ 4 ވަނަ ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ އިސްވެރިންގެ ބައްދަލުވުން (ސައުތު އޭޝިއަން ސްޕީކާސް ސަމިޓް) މާދަމާ ހެނދުނު ރާއްޖޭގެ ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ފަށާނެއެވެ.
ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ރައީސުން މިއަދު ވަނީ ރާއްޖެ ވަޑައިގެންފައެވެ.
އެގޮތުން މިއަދު ހެދުނު އަފްޣާނިސްތާނުގެ ޤާނުނުހަދާ މަޖިލީހުގެ ރައީސް އޮނަރަބަލް ރަޙްމާން ރަޙްމާނީއާއި އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރީގެ، ލޯކް ސަބާގެ ރައީސް އޮނަރަބަލް އޯމް ބިރްލާއާއި އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތީގެ، ރާއްޖެޔެ ސަބާގެ ވައިސް ޗެއަރމަން އޮނަރަބަލް ހަރީވަންޝް ވަނީ ރާއްޖެ ވަޑައިގެންފައެވެ.
މީގެ އިތުރުން މިއަދު މެންދުރު ބަންގްލަދޭޝްގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް އޮނަރަބަލް ޑރ. ޝްރިން ޝާމިން ޗައުދަރީއާއި ބޫޓާންގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް އޮނަރަބަލް ވަންޗުކު ނަގްމެޔަލް ވަނީ ރާއްޖެ ވަޑައިގެންފައެވެ. އަދި ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރީގެ، ނޭޝަނަލް އެސެމްބްލީ އޮފް ޕާކިސްތާނުގެ ނައިބު ރައީސް އޮނަރަބަލް މުޙައްމަދު ޤާސިމް ޚާން ސޫރީ އާއި ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އޮނަރަބަލް ކަރުނަރަތްނޭ ޖަޔަސޫރިޔާ ރާއްޖެ ވަޑައިގަތީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ވެރިންނަށް މާލޭ ބައިނަލްއަޤުވާމީ ވައިގެބަނދަރުން މަރުޚާބާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އޮނަރަބަލް އީވާ ޢަބްދުﷲއާއި ރައްޔިތުންގެ މަޖިލީހުގެ ޢަމީންޢާންމު އަލްއުސްތާޛާ ފާތިމަތު ނިޔުޝާއާއި ޕާލަމެންޓަރީ ގުރޫޕް ލީޑަރުންނާއި ނައިބު ލީޑަރުން އަދި ބައެއް ކޮމިޓީތަކުގެ މުޤައްރިރުންނެވެ.
މި ސަމިޓު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހާއި ދެވަނަ ދުވަހުއެވެ.