ރާއްޖޭގައި މިހާރު ކުރިއަށް ދާ ދެކުނު އޭސިއާގެ ޤައުމުތަކުގެ ޕާލަމެންޓް ރައީސުންގެ ބައްދަލުވުމުގެ ސަބަބުން 2030 އަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާޞިލުކުރަން މަސައްކަތްކުރަން އިތުރަށް މަގުފަހިވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު މިރޭ ވިދާޅުވީ މި ބައްދަލުވުމުގެ ސަބަބުން ޤައުމުތަކުގައި މިކަމަށް ކުރެވެމުން އަންނަ މަސައްކަތްތައް އަނެއް ޤައުމަށް އެނގިގެންދާނެ ކަމަށާއި އެހެންކަމުން މަޖިލީހުގެ މަސައްކަތްތައް ބައްޓަން ކުރަން ޖެހޭ ގޮތް ވެސް އެނގިގެންދާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ސިޔާސަތުތައް މިހާރުވެސް އެކުލަވާލައި ތަންފީޒުކުރަން މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ޚިދުމަތް ކުރަން ކަމަށެވެ. އެހެންކަމުން ބަޖެޓު ފާސްކުރާއިރުވެސް ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިވާނެ ގޮތަށް ކަންކަން ނިންމަމުން ގެންދާ ކަމަށެވެ.
ދެމެހެއްޓެނިވި ތަރައްޤީއަށް އަމާޒުކޮށް އދ އިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި މިހައިތަނަށްވެސް ރާއްޖެއިން ވަނީ ވަރަށް ބޮޑެތި ކާމިޔާބީތަކެއް ޙާޞިލުކޮށްފައިކަން ފާހަގަކުރެވެއެވެ.