ފުލުހުންނާއި ލ. އަތޮޅު ފޮނަދޫ ކައުންސިލް ގުޅިގެން ކުށްމަދު ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ހުސައިން ފޮނަދޫ ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
އިއްޔެ ފޮނަދޫ ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުވުމަކީ ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރުކަމާ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ހުސައިން ހަވާލުވެލެއްވުމަށްފަހު، ތައާރަފްވުމުގެ ގޮތުން ސިލްސިލާކޮށް ބާއްވަމުންދާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.
މި ބައްދަލުވުމުގައި ފުލުހުންނާއި ކައުންސިލް ގުޅިގެން ކުށްމަދު ކުރުމަށް ކުރެވިދާނެ ކަންކަމާއި ކައުންސިލަށް ފުލުހުންގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ފުލުހުން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ކައުންސިލްގެ ހިޔާލު ހޯދާފައިވެއެވެ. މީގެއިތުރުން މި ބައްދަލުވުމުގައި ލ. އަތޮޅުގެ ލިންކް ރޯޑް ބޭނުންކުރުމުގައި މިހާރަށްވުރެ ރައްކާތެރި ގޮތުގައި ބޭނުންކުރުމާއި، އެއްގަމު ދަތުރުފަތުރު ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ހެލްމެޓް އެޅުމާއި ލިންކް ރޯޑްގައި ދުއްވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން މިހާރަށްވުރެ ހަރުދަނާ އުސޫލުތަކެއްގެ މަތިން ކަންކަން ބެލެހެއްޓުމަށްވެސް މަޝްވަރާކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި ސައުތު ސެންޓަރަލް ޕޮލިސް ޑިވިޜަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ހުސައިނާއި ލ. އަތޮޅުގެ ކޮމާންޑަރުކަމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހިމް ޝަރީފާއި ފޮނަދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖް ޕޮލިސް ސްޓާފް ސަރޖަންޓް މުހައްމަދު ސަލީމާއި ފޮނަދޫ ކައުންސިލްގެ ރައީސާއި ނައިބު ރައީސް އަދި ކައުންސިލްގެ ޒިންމާދާރު ވެރިޔާ ބައިވެރިވެލެއްވިއެވެ.