1984 ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް ދަތުރު ކުރަމުންއަންނަ ސިންގަޕޯ އެއާލައިންސްއިން އެ އެއާލައިނުގެ ފްލީޓުގައި ހިމެނޭ އެންމެ ޖާގަ ބޮޑު ބޮއިންގް 10-787 ޑްރީމްލައިނާ އެއާކްރާފްޓު ރާއްޖެއާ ސިންގަޕޫރާ ދެމެދު ކުރާ ދަތުރުތަކުގައި ބޭނުންކުރަން ފަށައިފިއެވެ.
ޑްރީމްލައިނާގައި ރާއްޖެއަށް ކުރި އެންމެ ފުރަތަމަ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ ރޭގައެވެ. އަދި ބޯޓު ޖެއްސުމާއުކު ވަނީ ވޯޓާ ސެލިއުޓް އަރުވާފައެވެ.
އެއާޕޯޓުން ފްލައިޓަަށް މަރުހަބާ ކިޔާފަ ވަނީ އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އެވެ.
ސިންގަޕޯ އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް މެނޭޖަރު އަހުމަދު ޒުހުރީ ވިދާޅުވީ މިރެއިން ފެށިގެން ރާއްޖެއާއި ސިންގަޕޫރާ ދެމެދު ރޭގަނޑު ބާއްވާ އެ އެއާލައިންގެ SQ452, SQ451ގެ ފްލައިޓުތައް ބާއްވާނީ ޑްްރީމްލައިނާ އެއާކްރާފްޓުގައި ކަމަށެވެ. އަދި ޓޫރިޒަމްގެ ޕީކް ސީޒަނާ ދިމާކޮށް ދަތުުރުތައް ފަށާފައިވާ މި ފްލައިޓުން އޭޝިއާ ޔޫރަޕުގެ ގައުމު ތަކުން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު އިތުރު ވެގެން ދާނެ ކަމަށް ޒުހުރީ ވިދާޅުވިއެވެ.
މިމަރުކާގެ ބޯޓުތަކުގައި 337 ސީޓު ހުންނައިރު އޭގެ ތެރެއިން 36 ސީޓަކީ ބިޒްނަސް ކްލާހަށް ހާއްސަ ސީޓުތަކެވެ. އިކޮނޮމީ ކްލާހުގައި 301 ސީޓު ހުރެއެވެ.