ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ 4 ވަނަ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ 4 ވަނަ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަކުރުމުގެ ދައުވާގެ ޝަރީއަތުގެ ހަތަރުވަނަ އަޑުއެހުން ކްރިމިނަލް ކޯޓުގައި މާދަމާ 10:30 ގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ.

މާދަމާގެ އަޑުއެހުމަކީ އިތުރު ހެކިބަސް ނެގުމަށް ބާއްވާ ޝަރީއަތެއްކަމަށް މައުލޫމާތުލިބިފައިވެއެވެ. މިމައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން އޮތީ މިދިޔަ ހަފްތާގަ އެވެ. އެ ދުވަހު ވަނީ ތިން މީހެއްގެ ހެކިބަސް ނަގައިފައެވެ. 

މީގެކުރިން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މުއައްވިޒު ރަޝީދާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނަގާފައެވެ.

ދައުލަތުގެ ހެކިވެރިންގެ ތެރެއިން މިހާރު ހެކިބަސް ނުނަގާ ތިބީ އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ، މުހައްމަދު ވަސީމް އިސްމާއިލް، މޫސާ ޒަމީރު، މުހައްމަދު ލުވޭޒް އަދި މުހައްމަދު ޝަރީފެވެ.

ރައީސް ޔާމީންގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައި ވާތީއެވެ.

 

 

މިއަދު އޮންލައިން