މިއަހަރުގެ ޔޫތް ލީޑަރޝިޕް ޕްރޮގްރާމް މިމަހު 3 އިން 7 އަށް އައްޑޫސިޓީގައި ކުރިއަށް ގެންދާނެއެވެ.
2010ވަނަ އަހަރުން ފެށިގެން ދިވެހި ރާއްޖޭގައި ބާއްވަމުން އަންނަ ޔޫތު ލީޑަރޝިޕް ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް ވަނީ 150 އަށް ވުރެ ގިނަ ޒުވާން ލީޑަރުން މުޖުތަމައުއަށް ނެރެފައެވެ. ޔޫތު ލީޑަރޝިޕް ޕްރޮގްރާމް އަކީ ޒުވާނުންނަށް އަމާޒުކޮށް، ސިވިކް އެޑިއުކޭޝަން އަދި ލީޑަރޝިޕް ސްކްލިސް އުނގަންނައިދުނުމުގެ ގޮތުން ބޭއްވޭ ހަރަކާތެކެވެ.
މި އަހަރު ޔޫ.އެން.ޑީ.ޕީ އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އާއި ގުޅިގެން ޔޫތު ލީޑަރޝިޕް ޕްރޮގްރާމް ބާއްވަން ހަމަޖެހިފައިވަނީ އައްޑޫ އަތޮޅުގައެވެ. މި ޕްރޮގްރާމަށް އައްޑޫ ސިޓީ ކައުންސިލް އަދި އައްޑޫ ސިޓީގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކުން ވަނީ އެކިގޮތްގޮތުން އެހީތެރިވެދީފައެވެ. އައްޑޫގައި ދިރިއުޅޭ 16 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މި ކޭމްޕުގެ އަމާޒަކީ ޑިމޮކްރަސީގެ އުސޫލުތަކާއި، އިޖުތިމާއީ އަދި ތިމާވެށީގެ މައްސަލަތަކަށް ހޭލުންތެރިކުރުވާ މިފަދަ މައްސަލަތަކާއި ދެކޮޅަށް ވަކާލާތު ކުރާނެ ލީޑަރުން ތައްޔާރުކުރުމެވެ.
ޒުވާނުން ބާރުވެރިކުރުވުމަކީ ޔޫ.އެން.ޑީ.ޕީ އިން އަބަދުވެސް ވަރަށް އިސްކަންދޭ ދާއިރާއެކެވެ. ޔޫ.އެން.ޑީ.ޕީ ގެ ގަވަނަންސް ޕްރޮގްރާމްއަކީ އޮސްޓްރޭލިއާގެ ސަރުކާރުގެ އެއްބާރުލުމާއެކު ކުރިއަށްދާ ޕްރޮގްރާމެކެވެ. އޮސްޓްރޭލިއަން އެއިޑް ޕްރޮގްރާމް އަކީ އިޤްތިޞާދު ކުރިއެރުވުމަށާއި ފަޤީރުކަން ނައްތާލުމަށް މަސައްކަތްކުރާ ޕްރޮގްރާމެކެވެ. އަދި މި މަސައްކަތުގައި ޒުވާނުންނަށް އަމާޒުކޮށްގެން ހަރަކާތްތައް ރާވާ ޒުވާނުންގެ ކުރިއެރުމަށް ވަރަށް ބޮޑު އިސްކަމެއް މި ޕްރޮގްރާމްގެ ދަށުން ދެވެއެވެ.
ދިވެހި ރާއްޖޭގައި ހަރަކާތްތެރިވާތާ 40 އަހަރުވެފައިވާ ޔޫ.އެން.ޑީ.ޕީގެ އަމާޒަކީ މުޖުތަމަޢުގެ ހުރިހާ ފަންތީގެ ބޭފުޅުންނާ ގުޅިގެން ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވާނެގޮތަށް ޤައުމުގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތްކުރުމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، 170 ޤައުމުގައި ހަރަކާތްތެރިވާ ޔޫ.އެން.ޑީ.ޕީ ގެ ލަނދުދަނޑިއަކީ އެއްވެސް މީހަކު ބާކީ ނުވާނެ ގޮތަށް ހުރިހާ އެންމެން ބާރުވެރިކުރުވާ ވިލުންވެރި ޤައުމުތަކެއް ބިނާކުރުމެވެ.
ޔޫ.އެން.ޑީ.ޕީ އާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް ގުޅިގެން ރާވާ ޔޫތް ލީޑަރޝިޕް ޕްރޮގްރާމް 2019 މިފަހަރު އައްޑޫ ގައި
ހަރަކާތް: ޔޫތު ލީޑަރޝިޕް ޕްރޮގްރާމް 2019
ހަރަކާތް އޮންނާނެ ދުވަސްތައް:3-7 ސެޕްޓެމްބަރ 2019
ތަން: ހުޅުމީދޫ، އައްޑޫ ސިޓީ