61 ރަށަކަށް ޖިމް ސާމާނު ގެނައުމަށް ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 28ސ
61 ރަށަކަށް ޖިމް ސާމާނު ގެނައުމަށް ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކޮށްފި

ރާއްޖޭގެ 61 ރަށަކަށް ޖިމް ސާމާނު ގެނައުމަށް ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ސްޕޯޓްސް ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު މައުރޫފް އަހުމަދު (މާއްޓޭ) އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަޙްމަދު މަޚްލޫފެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މަޚްލޫފު ވިދާޅުވީ ސަރުކާރުން ދުޅަހެޔޮ ހަށިހެޔޮ ސިޔާސަތުގެ ތެރެއިން ރާއްޖޭގެ ރަށްރަށުގައި ގާއިމްކުރާ އައުޓްޑޯ ޖިމަށް ބޭނުންވާ ސާމާނު ގެނައުމަށް ސްޕޯޓްސް ކޯޕަރޭޝަނުން ސޮއިކުރުމަކީ މުސްތަގުބަލުގައި މިނިސްޓްރީ އާއި ސްޕޯޓްސް ކޯޕަރޭޝަނުން ކުރަން ހުރި ގިނަ މަސައްކަތްތަކެއްގެ ފެށުމެއް ކަމަށެވެ.

މާއްޓޭ ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަނުގެ ޒިންމާ ވީ އެންމެ ފުރިހަމަ އަށް އަދާކުރުމަށް، އަލަށް އައި ބޯޑުން ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުގައި ކުރަން ޖެހިފައި އޮތް މަސައްކަތްތައް ކުރުމުގެ ޕްލޭންތަކެއް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދަން ކުރެވޭ މަސައްކަތުގައި ސްޕޯޓްސް ކޯޕަރޭޝަނުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށްވެސް މާއްޓޭ ވަނީ ވިދާޅުވެފައެވެ.

ކުޅިވަރުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަނުގެ މަޤުޞަދުތަކުގެތެރޭގައި ރާއްޖޭގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ކުރިއެރުވުމާއި ސްޕޯޓްސް ޗެނަލް ތަރައްގީކުރުމާއި ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލުކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވާ ހިންގުމާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ތަމްރީން ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެއެވެ.

މިއަދު އޮންލައިން