މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ކަނޑުފައްތާފައިވަނީ އޭނާގެ ބޯ ބުރިކޮށްލުމަށްފަހު ކަމަށް މަރުތަކާއިބެހޭ ކޮމިޝަނުން އާންމުކުރި ރިޕޯޓުން ހާމަވެއްޖެއެވެ.
އެކޮމިޝަނުން އާންމުކުރި ރިޕޯޓުގެ ޚުލާސާއެއް މަޖިލިހުގައި މިއަދު އާންމުކޮށްފައިވާއިރު، އެރިޕޯޓުގައިވާ ގޮތުން ރިލްވާން ރަހީނުކޮށްގެން ގެންގޮސް އެރުވީ އުކުޅަހުގެ ދޯންޏަކަށެވެ. އެދޯނީގެ ވެރިމީހާއަަކީ އެރަށު މާވަޑިއާގޭ މުޙައްމަދު ރާޝިދެވެ. ހަމަ އެގޭ އަލްގިސް އާއި ދެމީހުން އެދުވަސްވަރު ދެ ދޯނި ގެންގުޅުނު ކަމަށާއި އެދެދޯންޏަކީ ވެސް ދީނީ ޖިހާދީ ޖަމާތުން އާމްދަނީ ހޯދުމަށް ގެންގުޅޭ ދެ ދޯނި ކަމަށް ވެސް ބުނެފައިވެއެވެ.
އެދެދޯނި ހަމަޖައްސަައިދިނީ އެޖަމާޢަތުގެ އޮޕަރޭޝަންސްތަކުގެ އެންމެ އިސް މީހަކަށް ހުންނަ ސ. ފޭދޫ ގުރަހާގޭ އިގުލީލް (ކިޑޫ) ނަމަކަށްކިޔާ މީހެއް ކަމަށް ވެސް އެރިޕޯޓުގައި ބުނެފައިވެއެވެ.
"އެދޯންޏަށް އެރުވުމަށްފަހު ރިލްވާންގެ ކަރު ބުރިކޮށްލީއެވެ. ކަރު ބުރިކޮށްލުމަށްފަހު އެމީހުން ރިލްވާންގެ ހަށިގަނޑު ކަނޑު ފެއްތީއެވެ." ރިޔާސީ ކޮމިޝަނުން އާންމުކުރި ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެއިތުރުން، ތ. އޮމަދޫ/ އަތިރީގޭ ޞާމިތު މުޙައްމަދު އާއި ދެކެވުނު ވާހަކައިން، ރިލްވާން މަރާލީ އޭނާކަން އެނގޭ ކަމަށް ހެކިވެރިޔަކާ ހަވާލާދީ އެރިޕޯޓުގައި ބުނެފައިވެއެވެ.
ރިލްވާން އެދޯންޏަށް އެރުވީ، އޭނާ ގަދަކަމުން އެރުވި ރަތްކާރުގައި އަތިރިމައްޗަށް ގެންގޮސް ޑިންގީއަކަށް އަރުވައިގެން ކަމަށް އެރިޕޯޓުގައި ބުނެފައިވެއެވެ.
"ރަތް ކާރުގައި ރިޟްވާން ކިޑްނެޕް ކުރަން ދިޔައިރު ކާރުގައި ތިބީ މުނާއްކޮ އާއި އާލިފް އާއި ޝައްފާފުއެވެ. ކާރު ދުއްވަން އިނީ މުނާއްކޮ އެވެ. ދެން ކުރީގަ އިނީ އާލިފް އެވެ. ޝައްފާފު އިނީ ފަހަތުގައެވެ. ކާރުގެ ފަހަތުން ސައިކަލުގައި ދިޔައީ ސުވައިދު (މުޙަންމަދު ސުވައިދު ސ. ހުޅުދޫ އަތިރީގެއާގެ) އާއި ސޮލާހު (ޝަބީނިއޯއާ އެއްކޮށް 30 ޑިސެމްބަރު 2014ގައި ސިރިޔާ އަށް ފުރައިގެން ދިޔަ ސޮލާހް (އާއި ޝަބީނިއޯ) އިސްމާޢީލް ޞަބިޙް، (ޏ. ފުވައްމުލައް / ދަޑިމަގު، ދަޑޮފީށި) އެވެ" އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ރިލްވާން މައްސަލައިގެ ރިޕޯޓު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އިއްޔެ އަރުވާފައިވާއިރު މި ރިޕޯޓަށް ބަހުސް ކުރުން މިއަދުގެ ޖަލްސާގައި އޮންނާނެއެވެ.