ތަހުގީގު ކުރުމުގެ ތަމްރީން ނެތް ކޮމިޝަނަކަށް ފުލުހުންގެ އެއްބާރުލުން ނެތް ނަމަ މިހާ އަވަހަށް ރިޕޯޓެއް އެކުލަވައިލެވުނީ ކިހިނެއް؟: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ތަހުގީގު ކުރުމުގެ ތަމްރީން ނެތް ކޮމިޝަނަކަށް ފުލުހުންގެ އެއްބާރުލުން ނެތް ނަމަ މިހާ އަވަހަށް ރިޕޯޓެއް އެކުލަވައިލެވުނީ ކިހިނެއް؟: ޤާސިމް

ތަހުގީގު ކުރުމުގެ ތަމްރީންތަކާއި ގާބިލިއްޔަތުކަން ނެތް ކޮމިޝަނަކަށް (މަރުތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް) ފުލުހުން އެއްބާރުލުން ނުދޭ ނަމަ މިހައި ކުރުމުއްދަތެއްގައި ރިޟްވާން މަރައިލެވުނު ގޮތުގެ މައްސަލައިގެ ރިޕޯޓް އެކުލަވައިލެވުނު ގޮތަކާއިމެދު މަޖިލީހުގެ ކުރީގެ ރައީސް، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ސުވާލު އުފައްދަވައިފިއެވެ.  

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭސީސީގެ ގާނޫނަށް ސަރުކާރުން ގެނެސްފައިވާ އިސްލާހަށް ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ ރިޟްވާންގެ މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނުން މަސައްކަތްތަކެއް ކުރި ނަމަވެސް މިހައި ކުރު މުއްދަތެއްގެ ތެރޭގައި އެ ކޮމިޝަނަށް މައްސަލައިގެ ފުރިހަމަ ރިޕޯޓެއް އެކުލަވައިލެވުނީ ފުލުހުންގެ ފަރާތުން އެއްބާރުލުން ލިބުމުން ކަމަށެވެ. އެހެން ނޫން ނަމަ އެކަން އެހައި ފަސޭހައިން ކުރެވޭނެ ގޮތަކާއިމެދު ސުވާލު އުފައްދަވާ ކަމަށާއި އެހެންކަމުން ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓި ބަދުނާމުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ވާހަކަފުޅު ދެއްކެވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ކަންކަން މިހެން ހުރުމުން ފުލުހުން އެއްބާރުލުން ނުދޭ ކަމަށް މަޖިލީހުގެ ރިޔާސަތުން ވިދާޅުވި ވިދާޅުވުމަކީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ. 

ޤާސިމް އިބްރާހީމް މިކަން ފާހަގަކުރެއްވީ ރިޟްވާން މަރާލި މައްސަލާގައި ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގެ ޚުލާޞާ އާއިމެދު އިއްޔެގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މަޖިލިސް ރައީސް "މިހާރު އޮތް ފުލުހުންގެ މުއައްސަސާއިން ވެސް ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގަށް އެއްބާރުލުން ދީފައި ނުވާ" ކަމަށް ވިދާޅުވުމުންނެވެ.

ގާސިމް އިބްރާހީމް ވިދާޅުވީ މީގެ ކުރިން ކޮންމެ ގޮތަކަށް އަމަލު ކޮށްފައި އޮތް ނަމަވެސް މިހާރު އޮތް ފުލުހުންގެ މުއައްސަސާއިން އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވާ ވިދާޅުވުމަކީ ތެދެއްކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

 

 

 

 

މިއަދު އޮންލައިން