ދިރިއުޅޭ މާހައުލު ބަދަލުކޮށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ހޯދައި ދިނުމަށްޓަކައި ހުޅުމާލޭ ފިޔަވަތީގައި ދިރިއުޅޭ ކުދިންނާއެކު ފުލުހުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ސެޕްޓެންބަރު މަހުގެ 2 ން 4 އަށް ކުރިއަށް ގެންދިޔަ މިހަރަކާތްތަކުގައި، ވާހަކަދެއްކުމުގައި ރިވެތި އަދަބުތައް ބޭނުންކުރުމާއި، ރިވެތި އަދަބުތަކަކީ ކޮބައިކަން އެކުދިންގެ އުމުރާއި ގުޅޭގޮތަށް ބުނެދީފައިވެއެވެ. އަދި މީހުންނާ މުހާތަބު ކުރުމުގައި މަޑުމައިތިރިކަން ހިޔާރުކުރުމަށާއި، ތިމާއަށް ވުރެ ބޮޑެތި މީހުންނާ މުހާތަބު ކުރާއިރު އިހުތިރާމާއެކު މުހާތަބު ކުރުމަށާއި، ރަނގަޅު ގޮތުގައި އަހުލާގު ބައްޓަންކުރަންވީ ގޮތް ބުނެދީފައިވެއެވެ. އަދި ސްކޫލުގައާއި ތިމާ ދިރިއުޅޭ މާހައުލުގައި އުޅޭއިރު އަދި އެކުވެރިންނާ ބައްދަލުވެ ވާހަކަދައްކާ ނަމަ ތެދުވެރިކަމާ އަދަބު އިހުތިރާމާއެކު ވާހަކަދެއްކުމަށް ނަސޭހަތްތެރިވެފައި ވެއެވެ.
މީގެއިތުރުން ހުރިހާ ކުދިން ހިމެނޭގޮތަށް ތަފާތު ކުޅިވަރުތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކަކާއި ޑްރިލްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ހަރަކާތްތައް ނިންމާލުމުގެ ގޮތުން ބީޗް ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން މޫދަށް އެރުމާއި، ކުލަޖެހުމާއި ތަފާތު ކުޅިވަރުތައް، ފިޔަވަތީގެ ކުދިންނާއި މުވައްޒަފުން ހިމެނޭގޮތަށް ކުރިއަށް ގެންގޮސްފައިވެއެވެ.
މިޑްޓާމް ބަންދަށް ޚާއްސަކޮށްގެން، ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތްތަކަކީ ހުޅުމާލޭ ފިޔަވަތީގެ އެދުމުގެމަތިން، ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި ސްޕެޝަލް އޮޕްރޭޝަންސް ޑިޕާޓްމަންޓާ އަދި ހުޅުމާލޭ ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ.