ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީއާއި ގުޅޭގޮތުން ތަހުގީގުކުރަމުން އަންނަނީ މަރާލާފައިވާ ކަމަށް މަރު ކޮމިޝަނުން ބުނާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާއިގުޅޭ މައްސަލައެއްކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފިއެވެ.
އެކޮމިޝަނުން ބުނީ ފަނޑިޔާރު ހަސަން އަލީއާ ގުޅޭ ގޮތުން ބަލަން ނިންމި މައްސަލައަކީ އެ ކޮމިޝަނަށް މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ހަދާފައިވާ ރިޔާސީ ކޮމިޝަނުން ދެއްވި ބަޔާނަކާ ގުޅިގެން ބަލަން ނިންމި މައްސަލައެއް ކަމަށާއި ޖޭއެސްސީން ބެލުމަށް ނިންމާފައިވަނީ ފަނޑިޔާރު ހަސަން އަލީ އިމިގްރޭޝަންގެ ކޮންޓްރޯލަރގެ މަޤާމުގައި ހުރި އިރު ކުރެއްވި ކަމެއްކަމަށް ކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވާ ކަމަކާއިގުޅޭ މައްސަލައެއް ކަމަށެވެ.
ރިލްވާން މައްސަލައިގެ ޑްރާފްޓް ރިޕޯޓްގައި ބުނެފައިވާގޮތުގައި ރިލްވާންގެ ޕާސްޕޯޓެއް ހެދުމަށް ފަނޑިޔާރު ހަސަން އަލީ ފުލުހުންގެ އިންޓެލިޖެންސްގެ ދެ ފުލުހަކަށް އިރުޝާދު ދެއްވާފައިވެ އެވެ. އަދި އެކަން ކޮށްފައިވަނީ ރިލްވާން ސީރިޔާއަށް ދިޔަކަމަށް ދެއްކުމަށް ކަމަށްވެސް އެރިޕޯޓުގައިވެއެވެ.