ދާދިފަހުން ނޫސްތަކުގެ ފަލަ ސުރުޚީން ފާހަގަކުރެވުނު އެއް ޚަބަރަކީ ގެއަކުން ފިޔާ ބަސްތާއެއް ވަގަށް ނެގި މީހަކު 27000 ރުފިޔާއިން ޖުރުމާނާ ކުރި ޚަބަރެވެ. ފަހަރެއްގައި ސުރުޚީ އެހައި ފަލަވީ ފިޔާ ބަސްތާގެ އަގާއި ކުރި ޖުރިމަނާގެ އަދަދުގެ ތަފާތުކަން ބޮޑުކަމުން ކަމަށް ވެދާނެއެވެ.
އަޅުގަނޑުގެ ސުވާލަކީ ވަގަކު ވައްކަން ކުރުމުން 1 މިލިއަން ރުފިޔާއިން ޖުރުމަނާ ކުރިއްޔާ އޭނާއަށް އެކަމުން ލިބޭނީ ކޮން ގެއްލުމެއްތޯއެވެ؟ ހުރިތަނަކުން އެއަސްވުރެ ގިނަ ފައިސާ ވަގަށް ނަގާފައި ޖުރުމަނާ ދައްކައިލުމުން އޭނާއަށް އެކަމުން ވެސް އޮތީ ފައިދާ ނޫންތޯއެވެ؟ އޭނާއަށް ލިބޭނީ ހަމަ ފައިދާ ނޫންތޯއެވެ؟
ރައްޔިތުންގެ ފައިސާއިން މަހަކު ލައްކައެއް ހައި ރުފިޔާގެ މުސާރަ އާއި އިނާޔަތް ނަގައި އަދި މެޑިކަލް އިންޝެއަރަންސަށް އެމެންބަރަކު ބޭނުން ވަރަކަށް ނަގައިގެން ތިބެ މިފަދަ ޙުކުމްތައް ކުރެވޭނެ ގޮތަށް ޤާނޫނުތައް ހަދާއިރު މިކުރެވެނީ ކީއްކަން ހަމަ އެމީހުންނަށް ނުއެނގެނީބާވައެވެ! ނޫނީ ﷲ ތަޢާލާ އާއި އޮންނަ ޢަދާވާތްތެރިކަން ބޮޑުކަމުން ﷲ ތަޢާލާ އެންގެވި ގޮތަށް އަމަލުކުރަން ބޭނުން ހަމަ ނުވަނީ ބާވައެވެ!
ފުލުހުންގެ ކިބައިން މިއަދު އެދެން ޖެހިފައިވަނީ ވަގުން އަތުލައި ނުގަތުމަށެވެ. ކޯޓަށް ގެންދާއިރަށް ކުރާނީ ޖުރުމަނާއެވެ. ޖުރުމަނާ ދައްކަން ވެސް ކުރާނީ ހަމަ ވައްކަމެވެ. ހުރިހާ ގެއްލުމެއް ހަމަ ރައްޔިތުންނަށެވެ. ނޫން ނަމަ އަޅުގަނޑު ހުށަހަޅަނީ ވަގަކު އަތުލައިގަނެވި ކޯޓުން އެވަގަކު ޖުރުމަނާކޮށްފިނަމަ އެ ޖުރުމަނާ މަޖިލީހުގެ މެންބަރުންގެ މުސާރައިން ކަނޑާ ގޮތަށް ހަމަޖެއްސުމަށެވެ. ހިތާމައަކީ އެކަންވެސް ފާސްކުރަން ތިބީ މެންބަރުން ކަމަށްވުމުން އެކަންވެސް އެގޮތަށް ކުރެވެން ނެތް ކަމެވެ.
(މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ފައުޅުކުރައްވާފައިވާ އޭނާގެ ޝުޢޫރެވެ.)