ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި ގުޅުމުގެ ވިސްނުމެއް ޖުމްހޫރީ ޕާޓީގައި ނެތްކަމަށް އެޕާޓީގެ ރައީސް އަހްމަދު ސައުދު ވިދާޅުވެއްޖެއެވެ. ސައުދު ވިދާޅުވީ ޖޭޕީ ދެމިއޮންނާނީ މި ސަރުކާރާއިއެކު ކަމަށާއި މިސަރުކާރަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ކާމިޔާބު ސަރުކާރަކަށް ހެދުމަށް ކަމަށެވެ.
ސައުދު މިމޭރުމުން ވިދާޅުވީ ކުރީގެ ރައީސް ޔާމީނު، އޭނާ އާއި ގުޅުމަށް ޖޭޕީ އިން ސަރުކާރާ ވަކިވާންޖެހޭކަން ދޭހަވާ ފަދަ ގޮތަކަށް ވާހަކަފުޅު ދެއްކެވުމުންނެވެ.
ސައުދު މިމޭރުމުން ވިދާޅުވެފައިވާއިރު ޖޭޕީން މިހައިތަނަށް ގުޅިގެން މަސައްކަތްކޮށްފައިވަނީ ޖޭޕީ އާއި ގުޅިގެން މަސައްކަތްކުރަން އެދޭ ފަރާތްތަކުގެ ތެރެއިން އެ ވަގުތަކު ޤައުމަށް އެންމެ ފައިދާ ކުރާނެ ފަރާތްކަމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމްއަށް ފެނިވަޑައިގަންނަވާ ފަރާތަކާއިއެވެ.
ޖޭޕީން މީގެ ކުރިންވެސް ޕީޕީއެމް އާއިއެކު މަސައްކަތްކުރީ ޖޭޕީން އެކަމަށް އެދިގެނެއް ނޫނެވެ. މީގެ އަހަރެއްހައި ދުވަސް ކުރިން ތަފާތު ރާގަކަށް ވާހަކަ ދެއްކި ނަމަވެސް މީގެ ކުޑަދުވަސްކޮޅެއް ކުރިން އަހްމަދު ނިހާން ވެސް ވަނީ މީޑިއާގެ ކުރިމަތީގައި އޭނާ 2013 ވަނަ އަހަރު އަދާކުރި ދައުރު ހާމަކޮށްފައެވެ.
ޖޭޕީގެ ޑިޕިޔުޓީ ލީޑަރު ޑރ. ޙުސައިން ރަޝީދު ވަނީ ރައީސް ޔާމީނަށް ތާއީދު ކުރާނެ މެންބަރުން ޖޭޕީގައި ނެތްކަން ކުރިންވެސް ހާމަކުރައްވައިފައެވެ.