މަނާކޮށްފައިވާ ބޭހެއް ތެލެސީމިއާ ކުދިންނަށް ދެމުން އަންނާތީ ސަމާލުވުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ސީނިއަރ ޕެޑިއަޓްރިޝަން ޑރ. އަހުމަދު ފައިސަލް އިލްތިމާސްކޮށްފިއެވެ.
ޑރ. ފައިސަލް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަނާކޮށްފައިވާ ބޭހެއް ކަމަށްވާ، ތެލިޑޮމައިޑް އިންޑިއާގެ ޕޫނޭ އިން ދެމުންދާ ކަމަށެވެ. އެހެންކަމުން އެކަމަށް ރާއްޖޭގެ ތެލަސީމިއާ ކުދިންނާއި ބެލެނިވެރިން ސަމާލުވުމަށް އެދޭ ކަމަށެވެ.
ސިއްހީ ދާއިރާއާ ގުޅޭ ކަންކަމުގައި ހޭލުންތެރިކަން އިތުރު ކުރުމަށް ސޯޝަލް މީޑިއާގައިވެސް މަސައްކަތް ކުރަމުންގެންދަވާ ޑރ. ފައިސަލް ވިދާޅުވީ ރާއްޖޭގެ ތެލަސީމިއާ ކުދިންނާއި ބެލެނިވެރިން ވިސްނަން ޖެހޭނީ އެކުދިންގެ ސަލާމަތަށް ކަމަށާއި ގޮތް ބަލަން ކުރެވޭ ދިރާސާތަކުގައި އަމިއްލައަށް ބޭނުންވެގެން ބައިވެރިވި ނަމަވެސް އެއީ ނުރައްކާތެރި ކަމެއްކަން އެނގޭ ހިސާބުން އެކަމުން ދުރަށްދާން ޖެހޭ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.
ތެލެސީމިއާ ކުދިން ބޯންމެރޯ ހެދުމަށާއި އެހެނިހެންވެސް އިތުރު ސިއްހީ ގިނަ ފަރުވާ ހޯދުމަށް ދިވެހިން ދަނީ އިންޑިއާއަށެވެ.
ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ތެލެސީމިއާއަށް ނިސްބަތްވާ 9 ކުއްޖަކު މަރުވެފައި ވާއިރު، ރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ދޭ ފަރުވާގެ ފެންވަރާ މެދު ސުވާލުތަކެއް އުފެދި، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ތެލެސީމިއާ ސޮސައިޓީން ވަނީ ހައްލު ހޯދައިދިނުމަށް ހެލްތް މިނިސްޓްރީއަށް ގޮވާލާފައެވެ.
ތެލެސީމިއާ ކުދިންގެ ޢަދަދު ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ތެލެސީމިއާ ދަފްތަރުގައި މިހާތަނަށް 874 ކުދިން ރަޖިސްޓްރީވެފައިވެއެވެ.
ކައިވެނީގެ ކުރިން ތެލެސީމިއާއަށް ޓެސްޓުކުރުން ރާއްޖޭގައި ލާޒިމު ނަމަވެސް ދެ ކެރިއަރުންނަށް ކައިވެނި ކުރުމަށް އެއްވެސް ހުރަހެއް ނޯވެއެވެ.
ދެ ކެރިއަރުން ކައިވެނި ކޮށްގެން ލިބޭ ދަރިފުޅަކީ ލޭ އަޅާ ކުއްޖަކަށް ވުމުގެ 25 އިންސައްތަ ފުރުޞަތު އޮވެއެވެ.
އިންޑީއާގެ ޕޫނޭން ދެމުންދާ މަނާކޮށްފައިވާ ބޭސް ތެލިޑޮމައިޑް ބޭނުންކުރާ ރާއްޖޭގެ ތެލަސީމިއާ ކުދިންނާއި ބެލެނިވެރިން ވިސްނަންޖެހޭނީ ކުދިންގެ ސަލާމަތަށް
— Ahmed Faisal (@Faisalnaifaru) September 8, 2019
ގޮތްބަލަންކުރާ ދިރާސާއެއްގައި އަމިއްލައަށް ބައިވެރިވިޔަސް، ނުރައްކާވީމާ ދިރާސާއިން ވަކިވުން އޭގެބައިވެރިން ދަސްކުރަންޖެހޭ