ދުނިޔޭގެ ފެންވަރަށް ރާއްޖޭގެ އިސްލާމީ ފިނޭންސް ކުރިއަރުވަން މަސައްކަތްކުރަންޖެހޭ ކަމަށާއި އެ މަސައްކަތަށް ސަރުކާރުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދެމުން ގެންދާނެ ކަމަށް މާލީ ވަޒީރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ބީއެމްއެލް އިސްލާމިކްގެ މައި އޮފީސް ހ. ޒޮނޭރިއާގައި ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ އަމީރު ވިދާޅުވީ ދުނިޔޭގެ ނިޞްބަތުން އިސްލާމީ ފިނޭންސް ކުރިއަރަމުން އަންނަނީ ވަރަށް ބާރަށް ކަމަށާއި އިސްލާމީ ފިކޭންސްގެ ބޭނުން މިއަދު ހިފަނީ ހަމައެކަނި މުސްލިމުން ނޫން ކަމަށެވެ. އެހެން ދީންތްކުގެ މީހުންވެސް އިސްލާމީ ފިނޭންސްގެ ބޭނުން ހިފަން ފަށައިފި ކަމަށެވެ.
އަމީރު ވިދާޅުވީ ފެންނަންހުރި ހިސާބުތަކަށް ބަލާއިރު ކޮންވެންޝަނަލް ބޭންކިންގ ގެ ޚިދުމަތުގެ ބޭނުން ހިފަނީ މުސްލިމުންގެ ތެރެއިން 20 އިންސައްތައަށްވުރެ މަދު ބައަކު ކަމަށެވެ. އެހެންކަމުން ދިވެހި ރައްޔިތުންގެ ބޭނުންތައް ފަސޭހަކަމާއިއެކު ފުއްދައިދެވޭ ފެންވަރަށް ރާއްޖޭގައި އިސްލާމީ ފިނޭންސް ތަރައްޤީކުރަން ޖެހޭ ކަމަށެވެ.
އަމީރު ވިދާޅުވީ ޚާއްޞަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ސަރުކާރުން މަސައްކަތްކުރަމުން ގެންދާއިރު އެދާއިރާއަށް ޚާއްޞަކޮށްގެން އިސްލާމީ ފިނޭންސް ކުރިއަރުވަން ޚާއްޞަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
އަމީރު ވިދާޅުވީ އިސްލާމިކް ފައިނޭންސް ރާއްޖޭގައި ކުރިއެރުވިއްޖެނަމަ އެކަމުގެ ސަބަބުން ރަނގަޅު އަސަރެއް ރާއްޖޭގެ އިޤްޠިޞާދަށް ކުރާނެ ކަމަށެވެ. "އެ ސިސްޓަމްތައް ކުރިއެރުވުމަށް އިންވެސްޓް ކުރުމަކީ ވަރަށް މުހިއްމު ކަމެއް. އިންވެސްޓް ކުރަންޖެހެނީ ހަމައެކަނި ފައިނޭންސްގެ ގޮތުން ނޫން. އިސްލާމީ ފިނޭންސްގެ ދާއިރާއިން މީހުން ތަމްރީނުކޮށް ބޭނުންވާ މެޝިނަރީޒްތައް ހޯދުމަކީ ވެސް މުހިއްމު ކަމެއް" ކަމަށެވެ.
އަމީރު ވިދާޅުވީ ބީއެމްއެލްގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ރަށްތަކަސް ފޯރުކޮށްދެމުން ގެންދާއިރު ހުރިހާ ރަށަކަށް އިސްލާމީ ފިނޭންސްގެ ޚިދުމަތް ވެސް ފޯރުކޮށްދީ ފުޅައުކުރުން ވަރަށް މުހިންމު ކަމަށެވެ.
އަމީރުގެ ވާހަކަފުޅު (އޯޑިއޯ):