މިއަދު ސޯޝަލް މީޑިއާގައި އާއްމުވި އެއް ވީޑިއޯއަކީ، އެމްއޭސީއެލް ގެ މުވައްޒިފަކު، އެތަނަށް ދިޔަ ބިދޭސީ ކަސްޓަމަރަކަށް އަނިޔާކުރި ވީޑިއޯއެކެވެ.
ވީޑިއޯ އާއްމުވުމާއެކު އެކި މީހުން އެވީޑިއޯ ހިއްސާކޮށް، އޭގެން ފެންނަ މުވައްޒިފާއި ދިމާލަށް އެއްޗެހިވެސް ކިޔާފައިވެއެވެ. އަދި އެމްއޭސީއެލް އިންވެސް ބުނެފައިވަނީ އެމުވައްޒިފާއިމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
ބުރަ މަސައްކަތުން، އެވީޑިއޯއިން ފެންނަނީ ކާކުކަން ހޯދުނެވެ. އެއީ މީގެ ކުރިން ބީއެމްއެލް ވިލިމާލެ ބްރާންޗުގައި ވެސް މަސައްކަތް ކުރި އަލީ ފަލާޙް ވަހީދެވެ. ގިނަ މީހުން އޭނާ ފާހަގަ ކޮށްފައިވަނީ މީހުންނާއި ނުހަނު ގުޅޭ މިޒާޖެއް ހުންނަ، ކަސްޓަމަރުންނާއި ވެސް ނުހަނު އޯގާތެރިކޮށް މުޙާތަބު ކުރާ މީހެއްގެ ގޮތުގައެވެ. އެހެންކަމުން އެފަދަ މީހަކާއިމެދު މިއަދު މިކަހަލަ ވާހަކަތަކެއް ފެތުރިގެން ދިޔުމުން ވަރަށް ހައިރާންވިއެވެ. އަދި ކަންހިނގި ގޮތް އޮޅުން ފިލުވުމަށް ފަލާޙް އާއި ވާހަކަ ދައްކާލީމެވެ.
"މިއަދުނޫހަށް" މައުލޫމާތު ދެމުން ފަލާޙް ބުނީ، ވީޑިއޯއިން އެފެންނަނީ ކަންހިނގި ގޮތުގެ އެއް ބައި ކަމަށެވެ. އަދި އޭނާއަށް އެބިދޭސީ މީހާ ގައިގާ ޖެހުނީ ކީއްވެގެންކަން ވެސް ކިޔައިދިނެވެ.
"އެމީހާއަކީ ގްލޯބަލް ކާގޯ ކެއާ ކުންފުނީގެ ކާގޯ ކްލިއަރިންގ އޭޖެންޓެއް. މިކަން ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު. އެެއީ ވަރަށް ބިޒީ ދުވަހެއް ވީމަ ކާގޯ ޓެލީ ނުވެ ހުރީ. އަޅުގަނޑު ހަމަ ޑިއުޓީއަށް ދިޔަތަނާހެން އެއީ. އެއިރު އޭނަ ހުރީ އޮފީސް އެތެރޭގަ. އަޅުގަނޑުމެންގެ އިންފޯމަރ ކައިރީގަ އޭނަ ބުނި ހަތަރު ގަޑިއިރު ވެއްޖެއޭ އޭނަ މަޑުކޮށްގެން ހުންނަތާ. އެހެންވެ އިންފޯމަރ އަޅުގަނޑަށް ގޮވީ. އަޅުގަނޑު އެމީހާ ކައިރީގަ ބުނިން ވަރަށް ބިޒީ ދުވަހެއްވީމައޭ ލަސްވަނީ، ކާރގޯ ޓެލީ ކުރެވޭނީ ފްލައިޓް ޖައްސާ ޝެޑިއުލްގެ ދަށުންނޭ. އޭނަ ކައިރީގަ ދެން އަޅުގަނޑު ބުނީ އޮފީހުން ނިކުމެ، ކަސްޓަމަރުން މަޑުކުރާތާނގަ މަޑު ކުރަން. އެހެން ބުނެފަ އަޅުގަނޑު ކައުންޓަރާއި ދިމާލަށް ދާން އެނބުރުނުތަނުން އޭނަ އަޅުގަނޑުގެ ކޮނޑުގަ ހިފަހައްޓާފަ އޭނައާއި ދިމާލަށް އެނބުރީ. އެފަހަރު އަޅައެއްނުލަން. އެކަމަކު ދެން އޭނަ ފެށީ އަޅުގަނޑަށް އިންޒާރުދީ، އިނގިލި ދިއްކޮށް، އިނގިލިން އަޅުގަނޑުގެ މެއަށް ފިތަން. އެހެން ނުހަދާށޭ ދެފަހަރަށް އަޅުގަނޑު ބުނިން އެކަމަކު ތިން ވަނަ ފަހަރަށް ވެސް އެހެން ހެދީމަ ޖެހުނީ. އަޅުގަނޑަށް އިނގޭ އަޅުގަނޑަށް ވެސް ކުށެއްކަން ކުރެވުނީ. އެކަމަކު މިހެން ކަންތައްދިމާވެ އޭނަ ފުރަތަމަ ގައިގަ އެވަރަށް އަތްލީމަ އަޅުގަނޑަށް ވެސް އަތް އިސްކުރެވުނީ" ފަލާޙް ކިޔައިދިނެވެ.
ކަމުގެ ހަގީގަތް ނުބަލާ އޭތިމީތި ކިޔުމަކީ ގިނަ ދިވެހިންގެ ވަރަށް ނޭދެވޭ އާދައެކެވެ. މިފަހަރުވެސް ވެފައިމިވަނީ އެކަހަލަ ގޮތެކެވެ. ބައެއް ކަސްޓަމަރުން އުޅޭ ގޮތުން، އެމީހުންނާއި ރީތިކޮށް މުޚާތަބު ކުރަން ވެސް އުނގަދަގޫވެއެވެ.
މިހާދިސާގެ ސަބަބުން، އެމްއޭސީއެލް އިން ވަނީ ފަލާޙް ސަސްޕެންޑު ކޮށްފައެވެ. އަދި އޭނާ ވަޒީފާއިން ވަކި ކޮށްފާނެކަމުގެ ފިިކުރުވެސް އެބައޮތެވެ. އެހެންވެއްޖެނަމަ އެއީ އިންސާފުތޯއެވެ؟