"الحمد لله ފާއިތުވެދިއަ ދެތިން ހަތަރު ވަރަކަށް ދުވަހު ފުރްޤާން މިސްކިތުގެ ޖަމާޢަތަށް ވަޑައިގަންނަވާ ބޭފުޅުންގެ ޢަދަދުވަނީ ފާހަގަކުރެވޭ ވަރަށް، ވަރަށް ބޮޑުތަން އިތުރުވެފައެވެ. ޢާއްމުކޮށް މެންދުރު އަދި ޢަޞުރު ނަމާދުގައި ނަމާދުކުރާ ރަސްމީ ބައި (މަތީ ބުރި) ނުފުރެއެވެ. އެހެންނަމަވެސް މިދެތިން ހަތަރު ދުވަހު ފާހަގަ ކުރެވުނީ މެންދުރު އަދި ޢަޞުރު ނަމާދުގައިވެސް މިސްކިތުގެ އެބައި ފުރި ސިޑިތަކާ ހިސާބަށް ސަފުތައް ދިގުދެމިގެން ގޮސްފައިވާ ތަނެވެ. އަދި ނަމާދު ފަހުން ޛިކުރުކޮށް ކިޔަވާ ހެދުމަށް މަޑުކޮށްގެން ތިއްބަވާ ބޭފުޅުންގެ ޢަދަދުވެސް ކުރިޔަށްވުރެ އިތުރު ކަމެވެ .
އަދި މި ދެތިން ހަތަރު ދުވަހު ފުރްޤާން މިސްކިތުގައި ޢާއްމުކޮށް އޮންނަ ދަރުސްތައް އަޑު އައްސަވަން ޙާޒިރުވާ ބޭފުޅުންގެ ޢަދަދުވެސް ވަރަށް ބޮޑުތަން އިތުރުކަން ފާހަގަ ކުރެވެއެވެ. ރޭގެ ޢިޝާ ނަމާދު ފަހުން އަޅުގަނޑު ދަރުސް ދިން އިރުވެސް މުޅި މިސްކިތް އެކީގައި ކަހަލަ ގޮތަކަށް އޮތީ ފުރިފައެވެ. ޢާއްމުކޮށް އޮންނަ (ޚާއްޞަ ބޮޑެތި ދަރުސްތައް ނޫން) ދަރުސްތަކުގައި އެޢަދަދަށް މީހުން ތިއްބާ ނުފެނެއެވެ. ولله الحمد أولا وآخرا
މިއީ މިމަހުގެ 5 ވަނަ ދުވަހު ޝައިޚް އާދަމް ނިޝާން ވިދާޅުވެފައިވާ ބަސްކޮޅެކެވެ.
މާލޭގައި އެންމެ ގިނައިން މީހުން ނަމާދަށް އަރާ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ފުރުޤާން މިސްކިތާއި ޠައިބާ މިސްކިތާއި ނޫރު މިސްކިތް ފަދަ މިސްކިތްތަކަށް ނަމާދަށް ނުދިއުމަށާއި އެމިސްކިތްތައް ތަޅާލަން ބައަކު ގޮވާލަމުން ގެންދާކަން ވަނީ ފާހަގަކުރެވިފައެވެ.
ރާއްޖޭގައި މިނިވަން ފިކުރު އިތުރުވަމުން ދަނިކޮށް ރިޔާސީ ކޮމިޝަނުން މިނިވަން ފިކުރަކީ ކޮބައިކަން ބަޔާންކޮށްދިން ފަހުން މިނިވަން ފިކުރުގެ މީހުންނަށް ވަނީ ޚާއްޞަ ބާރުތަކެއް ލިބިފައެވެ. "ބަލަ އިސްލާމް ދީން ކަލޭގެ ކަލާނގެ ހިމާޔަތް ކުރައްވާނެ ނޫންހޭ. ކަލޭގެ ކަލާނގެއަށް ކަލޭ އިތުބާރު ނުކުރަނީހޭ؟" ފަދަ ބަސްތައް، އިސްލާމން ދީނަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ ޑރ. އިޔާޟް މެން ފަދަ ބޭފުޅުންނަށް ފައުޅުގައި އެގެންދަނީ ރައްދުކުރަމުންނެވެ.