އައްޑޫ ސިޓީ ހިތަދޫ ގެއަކުން ބަނގުރަލާއެކު ދެމީހުން ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 4ސ
އައްޑޫ ސިޓީ ހިތަދޫ ގެއަކުން ބަނގުރަލާއެކު ދެމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ބޭނުންކޮށް ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށާއި އެފަދަ ޢަމަލުތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސާއި އައްޑޫ ސިޓީގައި މަސައްކަތްކުރާ ސްޕެޝަލިސްޓް އޮޕަރޭޝަންގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައްޑޫ ސިޓީ ހިތަދޫ ގެއެއް ބަލައިފާސްކޮށް ބަނގުރަލާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އެދެމީހުން ހައްޔަރުކޮށްފައިވަނީ ހިތަދޫ ގެއެއްގައި ބަނގުރާ ކައްކައި، އެބޭނުންކުރަމުންދާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ސެޕްޓެންބަރ މަހުގެ 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކުށުގެ ވެށިންނެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަންގައި ބަލައިފާސްކުރި ގޭގެ ކޮޓަރިއެއްގެ ތެރެއިން ބަނގުރާ ހުރި 500 އެމްއެލްގެ ފުޅިއަކާއި 5 ލީޓަރުގެ ފުޅިއެއް ފެނިފައިވެއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

 

މިއަދު އޮންލައިން