އާންމު ރައްޔިތުންގެ މެދުގައި ހުރި ދީނީ އަދި އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން ކުރިއަށް ގެންދާ އޯގާ ކޭމްޕްގެ ހަރަކާތްތައް ގދ. އަތޮޅުގައި ފަށައިފިއެވެ.
އެގޮތުން މިކޭމްޕްގެ ހަރަކާތްތައް ފުރަތަމަ ފަށާފައި މިވަނީ، މިހިނގާ ސެޕްޓެންބަރ މަހުގެ 07 ވަނަ ދުވަހު ތިނަދޫގައެވެ.
މިކޭމްޕްގައި، ގދ. އަތޮޅުގެ ރަށްރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި ސްކޫލްތަކުގެ ވެރިންނާއި މުވައްޒަފުންގެ އިތުރުން ސްކޫލްތަކުގެ ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނާއި ރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި އަދި ރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ސެމިނަރތަކާއި ވޯކްޝޮޕްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
އަދި ދީނީ ކައުންސިލިންގ ބޭނުންވާ ފަރާތްތަކަށް ކައުންސިލިން ދިނުމާއި މިސްކިތްތަކުގައި ދީނީ ދަރުސް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ދީނި ގޮތުން މަޢުލޫމާތު އޮޅުންފިލުވަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ދިނުމަށްވެސްވަނީ ހަމަޖެހިފައެވެ.
މިކޭމްޕްގެ ހަރަކާތްތައް މަޑަވެއްޔާއި ފަރެސްމާތޮޑާގެ އިތުރުން ރަތަފަންދޫގައިވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
ރަށްރަށުގައިހުރި ދީނީ މައްސަލަތައް ދެނެގަތުމާއި ރައްޔިތުންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކުރުވުމުގެ އިތުރުން ދީނީ ނަސޭޙަތާއި ދަރުސްތައް ދިނުމަށް ކުރިއަށްގެންދާ މި ކޭމްޕްގައި މަޢުލޫމާތު ދެއްވަނީ އައްޝައިޚް އަޙްމަދު މަޢުމޫނާއި އައްޝައިޚް ޙަސަން ތަޢުފީޤް ޢަބްދުއްރަޙްމާނާއި އައްޝައިޚް އަޙްމަދު ފަހުމީ ދީދީއެވެ.