މަޖީދީ މަގު ހުދުމާ ސަރަހައްދުގައި "ސޭލްގަ ވިކެން" ތިބޭ ބަންގްލަދޭޝް މީން މަގުމަތީގައި ގިނަވެ ދުއްވާ މީހުންނަށް އަނިޔާވާތީ ކަމާއި ގުޅުން ސަރުކާރުގެ އެންމެ އިސް އެއް ފަރާތުގެ ސަމާލުކަމަށް މިދިއަ ހަފްތާގައި ގެނައުމުން އައި ބަަދަލަކީ އިތުރު ކަންމައްޗެއް ބަންގާޅީން ހިފުމެވެ.
މިދިއަ ހަފްތާގަ ފެނުނު އެއް މަންޒަރަކީ އެ ސަރަހައްދުގައި ތިބޭ ބަންގާޅީންގެ ގައިން ނައްޓަން އުޅުމުގެ ތެރޭގައި ސައިކަލެއް އަރިއަޅާލައިގެން ވެއްޓުނު ތަނެވެ. ވެއްޓުނު ޒުވާނާގެ ފައިން ބައެއް ތަންތަން ވެސް މަށައިގެން ގޮސްފައި ހުއްޓެވެ.
މިފަދަ މަންޒަރެއް ފެނުމުން ރާއްޖޭގައި ވަގަށް އުޅޭ ބޭރު ޤައުމެއްގެ ބައެއްގެ އުނދަގޫ މިހައި ބޮޑުވުމުން ވެސް ސަރުކާރަށް ހަމަ ކޮށްލައި ދެވޭނެ އެއްވެސް ކަމެ ނެތީތޯ އެ ކަމާއި ގުޅުން ހުރި ސަރުކާރުގެ ފަރާތަކަށް ދެންނެވީމެވެ. އަދި މިއަދާއި ހަމައަށް ބެލުމަށްފަހު ފެނުނު ކަންކަން ހާމަކުރާނެ ކަމަށްވެސް ދެންނެވީމެވެ.
މިއަދު ގޮސް ބެލިއިރު ޤަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅީން ވަނީ އިތުރު ކުރިއެރުމެއް ހޯދައިފައެވެ. އެއީ ސިމްފަނީ ގޯޅިން މަޖީދީމަގު ކަންމަތި އިތުރަށް ހިފުމެވެ. މަޖީދީމަގުގެ އަނެއްފަޅި ފޮޓޯއެއް ނަގަން އެކަންމައްޗަށް މަޑުކޮށްލުމުން "ބޭބޭ ކޮން މަސައްކަތް ތިބެނީ؟" ކިޔަމުން އައިސް އަރައިގަތް މަންޒަރު ވަރަށް ސަޅިއެވެ.

ދިވެއްސަކު ކިރިޔާ ކުށެއް ކުރި ނަމަވެސް އެމީހެއްގެ ފަހަތުން ދުވެއެވެ. ބޮޑެތި އިންޒާރުތައްވެސް ދެއެވެ.
މިދިއަ ހަފްތާގައި ބްރިޖުން އަންނަމުން އެތަނުގައި މަސައްކަތްކުރާތަން ފޮޓޯއެއް ނަގަން ބްރިޖުގެ އެއް ކައިރީގައި މަޑުކޮށްލީމެވެ. ކުއްލިއަކަށް ޓްރެފިކް ފުލުހުންގެ މީހަކު އައިސް އެންގީ މަޑުނުކޮށް ދިއުމަށެވެ. ނޫސްވެރިއެއް ކަމަށާއި މަޑުކޮށްލީ ފޯނަށް ފޮޓޯއެއް ނަގަން ކަމަށް ބުނުމުން ދެން ހުރި މީހާއަށް ގޮވާފައި އެންގީ އަޅުގަނޑުގެ ލައިސަންސް ވަގުތުން އަތުލުމަށެވެ. އަޅުގަނޑުގެ ނަޞީބު ރަނގަޅުކަމުން ލައިސަންސް އަތުލަން އައި ޓްރެފިކް ފުލުސް މީހާ އަތެއް ނުލިއެވެ. ތުނބުޅީގައި ހުސް ނުރަ ހުރުމުން ހަމްދަރުދީ އުފެދުނީ ކަމަށްވެސް ވެދާނެއެވެ.
މިހައި ބޮޑަށް އެ ޤަވާއިދު ހިފަހައްޓާ ސަބަބެއް ކަމަށް ބުނީ ބްރިޖުގައި މަޑު ނުކުރަން ބްރިޖުގެ ދެކޮޅުގައި ދެ ބޯޑު އިންނާނެތީ ކަމަށެވެ. ވީމާ ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅުމަކީ، އިމިގްރޭޝަނުގެ ޤަވާއިދާއި ޚިލާފަށް ބިދޭސީން އުޅުމަކީ މަނާކަމެއްކަން އަނގާ ބޯޑުތަކެއް ތަންތަނުގައި ބަހައްޓައިފިނަމަ ޓްރެފިކް ފުލުހުން ވަރަށް ބޮޑަށް ސަމާލުކަން ދީގެން އެކަން ބަލައިދޭނެ ކަމަށް ޤަބޫލުކުރެވެއެވެ.
ކޮންމެއަކަސް ދިވެހި ރައްޔިތުންނަށް މިއުޅެން ޖެހެނީ އަބަދުވެސް ކުށްވެރިވެދާނެ ކަމުގެ ބިރުވެރިކަމުގެ ތެރޭގައެވެ. ބިދޭސީންނަށް ހަމަ މަގު ބަންދުކޮށްގެން ތިބުމާ މަގުންދާ މީހުންނާ ފޮށުމާ ޤަވާއިދާއި ޚިލާފަށް ރާއްޖޭގެ އުޅުމާއި ވިސާ ނެތި މަސައްކަތް ކުރުމާއި މިހެން ގޮސް އެމީހުން ކުރަން ބޭނުން ހުރިހާ ކަންކަން ހުއްދައެވެ.