ގދ. ވާދޫ ޖަމާލުއްދީން ސްކޫލު ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމަކާއި އެރަށުގެ އަންހެންނަށް ޚާއްސަކޮށްގެން ކަސްރަތު ޕްރޮގްރާމެއް ވާދޫ ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.
މިހިނގާ ސެޕްޓެންބަރ 8 ވަނަ ދުވަހުން ފެށިގެން އެއްމަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ދެޕްރޮގްރާމުގެ ތެރެއިން ވާދޫ ޖަމާލުއްދީން ސްކޫލުގެ ގްރޭޑް 4 އިން ގްރޭޑް 9 އަށް ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ކުރިއަށް ގެންދާ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމަކީ ކޮންމެ ދަރިވަރަކީ ފަތަން ދަންނަ ދަރިވަރަކަށް ހެދުމުގެ ގޮތުން ސްކޫލުގެ އެދުުމުގެ މަތިން ކުރިއަށް ގެންދާ ޕްރޮގްރާމެެކެވެ.
މިޕްރޮގްރާމުގައި ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ އިތުރުން މޫދުށްއެރި އުޅުމުގައި ސަމާލުކަން ދޭންވީ ކަންކަން ބުނެދިނުމަށް ހަމަޖެހިފައިވެއެވެ. މި ޕްރޮގްރާމުގައި އެސްކޫލުގެ 51 ދަރިވަރުން ބައިވެރިވެފައިވެއެވެ.
ވާދޫގެ އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ މޫދު ކަސްރަތު ޕްރޮގްރާމުގައި، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ކަސްރަތުގެ މުހިއްމުކަމާއި ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުމުގައި ސަމާލުވާންވީ ކަންކަމާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. މިޕްރޮގްރާމުގައި 56 ކަނބަލުން ބައިވެރިވެފައިވެއެވެ.